ލައިފް ޖެކެޓް އަޅަން ލާޒިމްވާ ހާލަތްތައް ބަޔާންކޮށް، ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވައިދު ގެޒެޓްކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިޤަވާއިދު ގެޒެޓްކޮށްފައި މިވަނީ މޫސުން ގޯސްވާ ދުވަސްވަރު ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް ހިނގައި، ބައެއް މީހުން ގެއްލުމާއި ގެނބިގެން މަރުވުމުގެ އެތައް ހާދިސާތަކެއް ހިނގާއިރުވެސް އެކަންކަމާއިމެދު ފިޔަވަޅު ނާޅާކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ލައިފް ޖެކެޓް އަޅަން ލާޒިމްވާ ހާލަތްތައް ބަޔާންކޮށް ޤަވާއިދު ބަދަލުކުރުމުގެ މަސައްކަތް މީގެކުރިންވެސް ކުރިއެެވެ. އެއީ 2019 ވަނަ އަހަރު ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެ އަތޮޅު ހަނިމާދުއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި، އޭގައި ތިބި ފަސް މީހަކު މަރުވި ހާދިސާއަށް ފަހުއެވެ. އެ ފަހަރުގެ ހާދިސާއަށްފަހު ސާޗް އެންޑް ރެސްކިއު ނެޝަނަލް ކޮމިޓީން ޓްރާންޕޯޓް އޮތޯރިޓީއަށް ލަފާ ދީފައި އޮތީ ކަނޑުދަތުރު ކުރާއިރު މޫސުމީ އެލާޓްތަކާއި އުޅަނދުގެ ބޮޑު މިނަށް ބަލައި، ލައިފް ޖެކެޓް އަޅަން މަޖުބޫރުވާ ގޮތަށް ގަވާއިދު އިސްލާހުކުރުމަށެވެ.

ނަމަވެސް އެކަން ނުވެ އޮއްވައި، އެންމެފަހުން ކުރި ވިއްސާރައިގައި ހިނގި މިފަދަ ހާދިސާއެއްގައި ކުޑަކުއްޖަކު ގެއްލި، އަންހެނަކު ވަނީ ނިޔާވެފައެވެ.

މި ހާދިސާއާއެކު އަނެއްކާވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ޤަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ފަށާފައެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ޤަވާއިދަށް ޓްރާންސްޕޯޓް އޮތޯތިޓީން ގެނެސްފައިވާ އިސްލާހުގައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރު ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރާ އުޅަނދުފަހަރުގައި، 4 ހާލަތެއްގައި ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމާއި، ލައިފްޖެކެޓް އަޅާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ކެޕްޓަންގެ ޒިންމާއެއްކަމަށް ކަނޑައަޅާފައެވެ.

އެހާލަތްތަކުގެ ތެރޭގައި ހިމެނެނީ، 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ދަތުރެއް ފެށުމުގެ ކުރިންނާއި، މޫސުމީ ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި ދަތުރުކުރާނަމަ އެ ސަރަޙައްދެއްގައި އެ ދަތުރެއް ފެށުމުގެ ކުރިން؛ އަދި މޫދު ކުޅިވަރަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރާއި މުނިފޫހިފިލުވުމަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން 9 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ދުއްވާނަމަ އެ ދަތުރެއް ފެށުމުކުރިންވެސް ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމެވެ.

މީގެ އިތުރުން އާންމު ދަތުރުފަތުރުގެ ގޮތުގައި ފެރީގެ ޚިދުމަތް ދިނުމަށާއި، މީހުން އުފުލާ ހުރިހާ އުޅަނދުފަހަރުގައި ލައިފްޖެކެޓް ފަސޭހައިން ބޭނުންކުރެވޭގޮތަށް ބަހައްޓަންޖެހޭއިރު، އުޅަނދު ފުރުމުގެ ކުރިން ލައިފްޖެކެޓް ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ފަސިންޖަރުންނަށް ފޯރުކޮށްދޭންވާނެ ކަމަށް ޤަވާޢިދުގައިވަނީ ހިމަނާފައެވެ.

ޤަވާއިދަށް ގެނެސްފައިވާ އިސްލާޙުގައިވާގޮތުން ދަތުރުމަތީގައި އެއްވެސް ބޭނުމެއްގައި ނުވަތަ އެއްވެސް ޙާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެ ގަނޑުން ބޭރަށް ނުކުންނަންޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެންނެވެ. އަދި އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރާ އުޅަނދުފަހަރާއި، ދަތުރެއްގެ މަތީގައި ނަގިލި ލައިފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރުގައި ތިބޭ ފަސިންޖަރުންނާއި ފަޅުވެރިންނަށް ހުރިހާ ވަގުތެއްގައި ލައިފްޖެކެޓް ފަސޭހައިން ލިބޭނެގޮތަށް އުޅަނދުގައި ހަމަޖެހިފައި ހުންނަންވާނެ ކަމަށް މިޤަވާއިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރުމުގައި، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެއްވެސް ބޭނުމެއްގައި ނުވަތަ އެއްވެސް ޙާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެ ގަނޑުން ބޭރަށް ނިކުންނަން ޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެން ކަމަށްވެސް ޤަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.

ޤަވާއިދަށް އިތުރުކޮށްފައިވާ ބައިތަކުގެ ތެރޭގައި، މޫސުމީ ސަމާލުގެ ތެރެއިން ރީނދޫ، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި، 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާކަމެކެވެ. ނަމަވެސް، ސަރުކާރުގެ އިދާރާއަކުން ހުއްދަ ލިބިގެން ކުރާ އިމަރޖެންސީ ދަތުރުތައް ކުރުމަށް މިހާލަތުގައި ހުރަސްނާޅައެވެ. އަދި ވަށައިގެން ބަންދު ކުރެވިފައި ހުންނަ އުޅަނދުތަކާއި 9 މީޓަރުން މަތީގެ އުޅަނދުތަކުގައި ލައިފްޖެކްޓް އޮންނަންވާނީ ފަސިންޖަރުންގެ އަތުގައިކަމަށް ބަޔާންކޮށް ޤަވާއިދަށްވަނީ މާއްދާއެއް އިތުރުކޮށްފައެވެ.

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ޚިލާފު ވެއްޖެނަމަ، އެ އުޅަނދަކީ 9 މީޓަރުން ފެށިގެން ދަށުގެ އުޅަނދެއްނަމަ، އެ އުޅަނދުގެ އޮޕަރޭޓަރު 15000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އުޅަނދު ދުއްވި ފަރާތުގެ މައްސަލަ ބެލުމަށްފަހު ލައިސަންސް ހިފެހެއްޓުމާއެކު، ކުރި ކުށުގެ މަޢުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭނެއެވެ. އަދި ވަށައިގެން ބަންދު ކުރެވިފައި ހުންނަ އުޅަނދުތަކާއި 9 މީޓަރުން މަތީގެ އުޅަނދުތަކުގައި ލައިފްޖެކްޓް ފަސިންޖަރުންގެ އަތުގައި އޮންނަންޖެހޭ ގޮތަށް ގެނެސްފައިވާ އިސްލާޙާއި ޚިލާފުވާނަމަ އެ އުޅަނދުގެ އޮޕަރޭޓަރ 20000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން