ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް، ކޮޕް26 ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޤްރީރުކުރައްވާނެއެވެ.

ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް، ކޮޕް26 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ސްކޮޓްލަންޑްގެ ގްލަސްގޯއަށް ވަޑައިގެންނެވީ އިއްޔެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މިސަމިޓްގައި ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، މިމަހުގެ 12 ވަނަދުވަހުގެ ނިޔަލަށް މި ސަމިޓް ކުރިއަށްދާނެއެވެ. މި ސަމިޓްގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާއިރު އެމަނިކުފާނު ތަޤްރީރްކުރައްވާނީ 24 ވަނައަށްކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. ރާއްޖޭގެ އެންމެ އިސް ވެރިޔަކު ކްލައިމެޓް ޗޭންގް ކޮންފަރެންސްގައި އެންމެ ފަހުން ބައިވެރިވެވަޑައިގެންފައިވަނީ މީގެ 12 އަހަރު ކުރިންނެވެ.

ކޮޕް26ގެ ބައްދަލުވުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންގެ ވާހަކަތައް ހިއްސާކުރުމަށްލިބޭ އަގުހުރި ފުރުޞަތެކެވެ.

2019 ވަނަ އަހަރު ދިވެހިރާއްޖެއިން ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަޤުވާމީ އެހީތެރިކަމާއެކު 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން ބޭރުކުރާ މިންވަރު ނެޓް ޒީރޯ އަށް ހެދުމަށް އަމާޒު ހިފާފައިވާކަން އިޢުލާނުކޮށްފައެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ރާއްޖޭގެ އިސްނެގުމާއެކު ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ތަފާތު އެކި ޙަރަކާތްތައް ރާއްޖެއިން ދަނީ ހިންގަމުންނެވެ.

ޚާއްޞަކޮށް ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ރާއްޖެއިން ދަނީ މަސައްކަތްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން