ބޭރުގެ އެހީތެރިކަން ލިބުމުގެ ދަތިތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ޕީއެސްއައިޕީގެ ދަށުން ހިންގާ މަޝްރޫޢުތައް ބަޖެޓު ކޮށްފައިވާ ގޮތަށް ކުރިއަށްދާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަމަށާއި ނަމަވެސް މަޝްރޫޢުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދުތަކާއި ގުޅޭގޮތުން ސުވާލުތައް އަންނަކަމަށެވެ.

މިިނިސްޓަރ ވިދާޅުވީ ކޯވިޑާއި ގުޅިގެން ދައުލަތުގެ އާމްދަނީ ދަށަށް ދިއުމާއެކު ދަރަންޏަށް ފައިސާ ނަގައިގެން ގިނަ ކަންކަން ކޮށްފައިވާތީ، ދަރަނި ބޮޑުވެ ބޭރުގެ އެހީތެރިކަން ލިބުމުގެ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ. ނަމަވެސް ޕީއެސްއައިޕީގެ ދަށުން ހިންގާ މަޝްރޫޢުތަށް ބަޖެޓު ކޮށްފައިވާ ގޮތަށް ކުރިއަށް ދާނެ ކަމުގެ ޔަޤީން މިނިސްޓަރ ދެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ބަޖެޓެއްކަމަށެވެ. އެގޮތުން ބަޖެޓުގެ ތެރެއިން ޢުމްރާނީ ތަރައްޤީއާއި، ވަސީލަތްތައް އިތުރު ކުރުމާއި އިންސާނީ ވަސީލަތް ބިނާކުރުމަށް މަސައްކަތް ކުރެވިގެން ދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވި، ގޮތުގައި ކޯވިޑާއި ގުޅިގެން ދަޢުލަތުގެ އާމްދަނީން ވަނީ ވަރަށް ބޮޑު ބައެއް މަދުވެފައި ކަމަށެވެ. އަދި އިޤްތިޞާދު އަލުން އާރާސްތުކޮށް، އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 2022 ވަނަ އަހަރުގެ ބަޖެޓަކީ އިޤްތިޞާދު ކުރިއެރުވުމަށް އެހީވެދޭނެ ބަޖެޓެއް ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މިއީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް މުހިއްމު ބަޖެޓެއްކަމަށް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން