ލައިފް ޖެކެޓް އަޅަން ލާޒިމްވާ ހާލަތްތައް ބަޔާންކޮށް، ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވައިދު ގެޒެޓްކުރަން ފޮނުވައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިޤަވާއިދު ގެޒެޓްކުރަން ފޮނުވާފައި މިވަނީ މޫސުން ގޯސްވާ ދުވަސްވަރު ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް ހިނގައި، ބައެއް މީހުން ގެއްލުމާއި ގެނބިގެން މަރުވުމުގެ އެތައް ހާދިސާތަކެއް ހިނގާއިރުވެސް އެކަންކަމާއިމެދު ފިޔަވަޅު ނާޅާކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ލައިފް ޖެކެޓް އަޅަން ލާޒިމްވާ ހާލަތްތައް ބަޔާންކޮށް ޤަވާއިދު ބަދަލުކުރުމުގެ މަސައްކަތް މީގެކުރިންވެސް ކުރިއެެވެ. އެއީ 2019 ވަނަ އަހަރު ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެ އަތޮޅު ހަނިމާދު އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި، އޭގައި ތިބި ފަސް މީހަކު މަރުވި ހާދިސާއަށް ފަހުއެވެ. އެ ފަހަރުގެ ހާދިސާއަށްފަހު ސާޗް އެންޑް ރެސްކިއު ނެޝަނަލް ކޮމިޓީން ޓްރާންޕޯޓް އޮތޯރިޓީއަށް ލަފާ ދީފައި އޮތީ ކަނޑުދަތުރު ކުރާއިރު މޫސުމީ އެލާޓްތަކާއި އުޅަނދުގެ ބޮޑު މިނަށް ބަލައި، ލައިފް ޖެކެޓް އަޅަން މަޖުބޫރުވާ ގޮތަށް ގަވާއިދު އިސްލާހުކުރުމަށެވެ.

ނަމަވެސް އެކަން ނުވެ އޮއްވައި، އެންމެފަހުން ކުރި ވިއްސާރައިގައި ހިނގި މިފަދަ ހާދިސާއެއްގައި ކުޑަކުއްޖަކު ގެއްލި، އަންހެނަކު ވަނީ ނިޔާވެފައެވެ.

މި ހާދިސާއާއެކު އަނެއްކާވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ޤަވާއިދު އިސްލާހުކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ލައިފް ޖެކެޓް އެޅުން ލާޒިމް ކުރާ ގަވައިދަށް ސްޓޭކް ހޯލްޑަރުންނާއި އެޓާނީ ޖެނަރަލް އޮފީހުގެ ލަފާ ހޯދައި، އެ ގަވައިދަށް އަމަލުކުރަން ފަށަން ގެޒެޓުކުރަން ފޮނުވާފައިވާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

އެ ގަވައިދުގެ ދަށުން، ކަނޑުދަތުރުކުރާ އުޅަނދު ވަކި ވަރަކަށް ވުރެ ކުޑަ ނަމަ ކުރާ ހުރިހާ ދަތުރެއްގައި ފަސިންޖަރުން ލައިފް ޖެކެޓު އަޅަން ޖެހޭނެއެވެ. އަދި މޫސުމީ އެލާޓުތައް ނެރެފައިވާ ސަރަހައްދުތަކުގައި ދަތުރުކުރާއިރު ވެސް ލައިފް ޖެކެޓް އަޅަން މަޖުބޫރު ވާނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑު އުޅަނދުފަހަރުގައި ލައިފް ޖެކެޓާއި ލައިފް ބޮއި ނުހުންނަ ނަމަ އަންނަ ޖެނުއަރީމަހުގެ ފަހުން އެ އުޅަނދުތަކުގެ ސީވާދިނަސް ސެޓްފިކެޓް ބާތިލްކުރަންވެސް ނިންމައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން