އަހުމަދު މަސްނޫމް   31 އޮކްޓޯބަރު 2021 - 18:31
ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ބޭނުންވާ ބަޖެޓު ހަމަޖެއްސުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދިނުމަށް 1.5 ބިލިއަން ރުފިޔާ ދޫކުރުމަށް ކަނޑައަޅައިފިއެވެ.

ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުން ބަޖެޓަށް ލިބޭ އާމްދަނީގެ މަދުވެގެން 5 އިންސައްތަ އަދި ކައުންސިލްތަކުގެ އިހުތިސާސުގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ދޫކުރަންޖެހެއެވެ.

އެގޮތުން އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ހިމަނާފައިވާ 24.3 ބިލިއަން ރުފިޔާގެ ފަހެއް އިންސައްތަ ކަމަށްވާ 854.9 މިލިއަން ރުފިޔާ ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ދޭނެއެވެ. އަދި ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން 710.5 މިލިއަން ރުފިޔާ ވަނީ ކައުންސިލްތަކަށް ދޭން ހިމަނާފައެވެ.

މިގޮތުން އަންނަ އަހަރަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރުމަށް ކަނޑައަޅާފައިވާ 1.5 ބިލިއަން ރުފިޔާއަކީ މި ހިނގާ 2021 ވަނަ އަހަރު ކައުންސިލްތަކަށް ދޫކުރަން ކަނޑައެޅި ފައިސާއާ އަޅައިބަލާއިރު 19.8 އިންސައްތަ އިތުރު އަދެދެކެވެ.

ބްލޮކް ގްރާންޓްގެ ގޮތުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ ތެރެއިން 72 އިންސައްތަ ދޭނީ ރަށު ކައުންސިލްތަކަށެވެ. އަދި އަތޮޅު ކައުންސިލްތަކަށް 9 އިންސައްތަ އަދި ސިޓީ ކައުންސިލްތަކަށް 19 އިންސައްތަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން