މަސްވެރިން މަސްބާނަމުން ދަނިކޮށް
މަސްވެރިން މަސްބާނަމުން ދަނިކޮށް
ނިމިދިޔަ 2020 ވަނަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނު ސިނާއަތަކީ މަސްވެރިކަން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުންނެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މާ ބޮޑު ގެއްލުންތަކެއް ނުލިބި، ފާއިތުވެ ދިޔަ އަހަރު އެންމެ ބޮޑަށް ކުރިއަރާދިޔަ ސިނާއަތަކީ މަސްވެރިކަން ކަމަށެވެ.

އެހެންކަމުން ފާއިތުވެ ދިޔަ އަހަރުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ވަނީ 10.2 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. އަދި އެ އަހަރު މަސް އެކްޕޯޓްކުރެވުނު މިންވަރު ވެސް ވަނީ 2019 ވަނަ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ. އަދި 2021 ވަނަ އަހަރާއި މެދުރާސްތާގައި ވެސް މިދާއިރާގެ ކުރިއެރުން ދެމެހެއްޓޭނެކަމަށް ބެލެވޭކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން ރާއްޖޭގެ އުފެއްދުންތެރިކަމަށް އެންމެ މުހިންމު ދާއިރާތަކަކީ ދަތުރުފަތުރާއި، އިމާރާތްކުރުމާއި، އާންމު ވިޔަފާރިތަކެވެ. ނަމަވެސް މި ދާއިރާތަކާ އަޅާބަލާއިރު ކޮވިޑް-19ގެ ޕެންޑެމިކް ތެރޭގައިވެސް މަސްވެރިކަން ފިޔަވައި ދެންހުރި ސިނާއަތްތަކަށް ވަރަށް ބޮޑަށް އަސަރުކޮށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ގިނަ ދުވަސްތަކަކަށް ދިގުދެމިފައިވާތީ ރާއްޖެއަށް މުދާ ލިބުން ދަތިވެ، ވިޔަފާރިތަކަށް މިކަމުން އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާ މަޝްރޫއުތަކަށް ވެސް މިކަމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވެފައިވާއިރު، އިމާރާތްކުރުމުގެ ދާއިރާ ވަނީ މިދިޔައަހަރާއި މި އަހަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް ދުނިޔޭގެ ދަތުރުފަތުރު އާންމު ހާލަތަކަށް ގޮސް މިއަންނަ އަހަރުން ފެށިގެން މިދާއިރާތައް ކުރިއަރައިދާނެ ކަމަށް ބެލެވޭ ކަމަށާއި، ބަޖެޓުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން އަޑިއަޅާލި ހުރިހާ ދާއިރާއަކަށްވެސް ކުރިއެރުން ލިބޭނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން