މަރިޔަމް ލައިޝާ   31 އޮކްޓޯބަރު 2021 - 17:37
ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ނިންމާފައިވަނީ މިދިޔަ އަހަރު އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލި ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ އެއްގޮތަށެވެ. އެ ޕްލޭންގައި ވާގޮތުން މާކެޓް ބޭސްޑް އިންސްޓްރޫމަންޓެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅު ހިމެނޭ ގޮތަށް ބައެއް ބާވަތްތަކުން ވަނީ ޓެކްސް ނަގަން ރާވާފައެވެ.

އެގޮތުން އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން މި ޓެކްސް ނަގަން ރާވާފައިވާއިރު، މި ޓެކްސް ނެގުމަށް ކަނޑައަޅާފައިވަނީ، ކޮންމެ ސައިޒެއްގެ ކޮތަޅަކުންވެސް ދެ ރުފިޔާއެވެ. މިއާއެކު ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކުހުން ދައުލަތަށް 47.7 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.

މީގެ އިތުރުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާފައިވާ އައު ކަންތައްތަކުން 727 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ.

ބަޖެޓު ބަޔާން ހުށަހަޅުއްވަމުން ފިނޭންސް މިިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 2022 ވަނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން