އަހުމަދު މަސްނޫމް   31 އޮކްޓޯބަރު 2021 - 15:39
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ބަހުސް ކުރިއަށް އޮތް ނޮވެމްބަރުމަހުގެ 8 ވަނަ ދުވަހު ފެށުމަށް ތާވަލްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މިއަދު މަޖިލީހަށް ހުށަހަޅުއްވާފައެވެ.



ބަޖެޓު ހުށަހަޅުއްވާ ނިމުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް މެންބަރުންނާ ހިއްސާކުރައްވާފައެވެ.

އެގޮތުން މިއަދުން ފެށިގެން ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ފެށުނީ ކަމަށް އިއުލާންކުރައްވަމުން އީވާ ވިދާޅުވީ ބަޖެޓު ބަހުސް ފެށޭނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. އެއީ ބަޖެޓު ދިރާސާކުރުމަށް މެންބަރުންނަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށްފަހުއެވެ.

މަޖިލީހުގައި ބަޖެޓު ދިރާސާ ކުރާނީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގެ ހުރިހާ މެންބަރުން ހިމެނޭ ޖޮއިންޓް ކޮމިޓީ އަކުންނެވެ. ޖޮއިންޓް ކޮމިޓީން މިއަދު ބައްދަލުވުމަށްފަހު ކޮމިޓީގެ މުގައްރިރާއި ނައިބް މުގައްރިރު އައްޔަން ކުރާނެއެވެ. އަދި އެންމެ ލަސްވެގެން ނޮވެމްބަރު 18 ވަނަ ދުވަހުގެ ކުރިން ބަޖެޓު ކޮމިޓީގެ ރިޕޯޓް ރިޔާސަތަށް ފޮނުވަންޖެހެއެވެ.

ބަޖެޓް ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުން އޮންނާނީ ނޮވެމްބަރު 22 ވަނަ ދުވަހުއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 36.925 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދިހަރަދުވާނޭކަމަށް ލަފާކުރެވެނީ 34.028 ބިލިއަން ރުފިޔާއެވެ. އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 24.280 ބިލިއަން ރުފިޔާއެވެ. މީގެތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 15.35 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ 63 އިންސައްތައެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 6 ބިލިއަން ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން