އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓްގައި ގިނަ އަދަދެއްގެ ނަރުހުންނާއި ޑޮކްޓަރުން ހޯދަން ފައިސާ ހިމަނުއްވާފައިވާނޭކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާގެ ތެރެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަން ވާނީ ރާވާފައިކަމަށެވެ. މިގޮތުން ހަގު އުމުރުފުރާތަކުގެ ކުދިންނަށް ވެކްސިން ދެވޭނެ މަގު ފަހިވެގެންދިޔަހާ އަވަހަކަށް އެކުދިންނަށްވެސް ބޭނުންވާނެ ވެކްސިން ހޯދުމަށާއި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގެ ހިދުމަތް މެދުކެނޑުމެއްނެތި، މިހާރަށްވުރެ ރަނގަޅު ފެންވަރުގައި ކުރިއަށް ގެންދަން ރާވާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ސިއްހީ ދާއިރާގައި ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.

"މިކަން ހާސިލުކުރުމަށް ކުރަމުންދާ އެންމެ މުހިންމުކަމަކީ ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްގީކުރުން. މި މަޝްރޫޢުގެ ތެރެއިން 5 ހޮސްޕިޓަލުގެ ވަސީލަތްތަކާއި ޚިދުމަތްތައް ވާނީ ފުޅާކޮށް ފެންވަރު ރަނގަޅުކޮށްފައި. އަދިވެސް އުމްރާނީ ގޮތުން މި ހޮސްޕިޓަލްތަކަށް އިންވެސްޓްކުރެވޭނެ. އަދި 5 ހޮސްޕިޓަލަކީވެސް އަމިއްލައަށް ހިންގާ ހޮސްޕިޓަލްތަކަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފެށިފަ" އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން ސިއްޙީ ޚިދުމަތް ލާމަރުކަޒުވެ، ޚިދުމަތްތައް އަވަސްވެ، ކުރިއަރާ ދިއުމަށް މަގުފަހިވާނެކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ ސިއްޙީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް ހޮސްޕިޓަލުތަކަކަށް ބަދަލުކުރުމަށް މި ބަޖެޓުގައިވާނީ އަމާޒު ހިފާފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރައްޔިތުންނާ އެންމެ ގާތުން ސިއްހީ ހިދުމަތް ލިބޭނެކަން ކަށަވަރުކުރުމުގެ ގޮތުން، 60 ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމަށްވެސް 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ. ބޭނުމަކީ ސިއްޙީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްޤީއާއި ވަސީލަތްތައް މުއްސަނދިކުރުމާއި ޚިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގެ ކަންކޮޅުތަކުގައި ސިއްހީ ހިދުމަތްތެރިން މަދުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ފަރުވާ ދިނުމަށް އެޅޭ ހުރަސްތަކަށް ހައްލު ހޯދުމުގެ ގޮތުން، 2022 ވަނަ އަހަރު ސިއްހީ ދާއިރާގެ އާ ގިނަ މުވައްޒަފުންތަކަކަށް ޖާގަ ދީފައިވާނެކަން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި 160 ޑޮކްޓަރުންނާއި 200 އަށްވުރެ ގިނަ ނަރުހުން ހިމެނޭކަމަށާއި ޖުމްލަކޮށް ބަލާއިރު ސިއްޙީ ދާއިރާއަށް އަންނަ އަހަރުގެ ބަޖެޓުގައި 4.6 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން