ރާއްޖޭގެ އިގްްތިސާދަށް މިއަހަރުވެސް އަދި އަންނަ އަހަރުވެސް ކުރިއެރުން ލިބިގެންދާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓް ބަޔާން މަޖިލީހަށް އިއްވަމުންނެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ އިޤުތިސާދު މިއަހަރު 31.6 އިންސައްތައިން ކުރިއަރާނެކަމަށެވެ. އަދި އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު 12.0 އިންސައްތައިން ކުރިއަރާނެކަމަށްވެސް މިނިސްޓަރ ލަފާކުރެއްވިއެވެ.

"ރާއްޖޭގެ އިޤުތިސާދު ކުރިއަރަމުން މި އަންނަނީ ދުނިޔޭގެ އިޤުތިސާދީ ދުވެއްޔަށްވުރެ އެތައް ގުނައެއް ބާރަށް. ކޮވިޑް-19 ގެ އަސަރު ރާއްޖެ ފަދަ ޖަޒީރާ އަދި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމުތަކަށް ކުރި މިންވަރު ބޮޑު. އަދި މި ކަމުން އަރައިގަންނަ ސްޕީޑްވެސް ބާރު. މިގޮތުން ދުނިޔޭގެ އިޤުތިސާދަށް ބަލާއިރު، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިޤުތިސާދީ ތަދުމަޑުކަމަކީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން ކުރިމަތިވި އެންމެ ފުން ރިސެޝަން." އަމީރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، 2020 ވަނަ އަހަރު ދުނިޔޭގެ އިޤުތިސާދު ވަނީ 3.1 އިންސައްތައިން ދަށަށް ގޮސްފައިކަމަށެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން އަޅާފައިވާ ހަރުކަށި ގިނަ ފިޔަވަޅުތަކަށް ލުއި ދޭން ފެށުމުން ގިނަ ގައުމުތަކުގައި އިޤުތިސާދީ ހަރަކާތްތައް އަލުން ހިނގައިގަތުމުގެ ފުރުސަތު ވަނީ ލިބިފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިއާއެކު ދުނިޔޭގެ އިޤުތިސާދު މިއަހަރު 5.9 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭއިރު، 2022 ވަނަ އަހަރުވެސް 4.9 އިންސައްތައިގެ ކުރިއެރުމެއް އަންނާނެކަމަށް އައިއެމްއެފް އިން ލަފާކުރޭ. ނަމަވެސް، މި ބަލިމަޑުކަމާއި ގުޅިގެން ގައުމުތަކާ ކުރިމަތިވި އިޤުތިސާދީ ހީނަރުކަމުން މުޅިން އަރައިގަނެ، ބަލިމަޑުކަމުގެ ކުރިން ތިބި ހިސާބަށް އަނބުރާ ދިއުމަށް އަހަރުތަކެއް ނަގާނެ." އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 2021 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލަމުންދިޔައިރު އަޅުގަނޑުމެން ތިބީ މިއިންޒަމާނަކުވެސް ނުދެކޭފަދަ ދަތި އިގުތިސާދީ ހާލަތެއްގައިކަމަށެވެ. އަދި މިއަހަރު ރާއްޖޭގެ އިޤުތިސާދުގެ ސައިޒު ވަނީ އޭގެ ކުރީ އަހަރަށްވުރެ 33.5 އިންސައްތަ ކުޑަވެފައިކަމަށާއި، ކޮވިޑް-19 ގެ ހާލަތާއެކު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ތެރެއިން ގާތްގަނޑަކަށް 36 ބިލިއަން ރުފިޔާ ގެއްލިގެންދާނެ ކަމަށް ބެލެވޭކަމަށް އަމީރު ވިދާޅުވިއެވެ.

"އެދުވަހު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ އެންމެ ބޮޑު ސުވާލަކީ ދިވެހިރާއްޖޭގެ އިގުތިސާދު އަނބުރާ އިއާދަކޮށް، އާރާސްތުކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނީ ކޮން މަގަކުންތޯ. އެއްގޮތަކީ ޚަރަދުތައް ބޮޑުތަނުން ކެނޑުން. މީގެ ސަބަބުން އިގުތިސާދުގެ ސައިޒު ކުޑަވެގެން ދިއުމަށް ދޫކޮށްލުން. އަދި އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ގެއްލޭނެ ވަޒީފާތަކާއި އާމްދަނީގެ ދަތިކަން، އަދި ކުރިމަތިވެދާނެ އިޖުތިމާއީ މައްސަލަތައް އެނގިތިބެ، އެކަމަށް އާނއެކޭ ބުނުން. އަނެއްގޮތަކީ ދަރަނި ނަގައިގެން ނަމަވެސް އިޤްތިސާދު ހިފަހައްޓާ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުން." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މި ހާލަތުގައި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ވާނީ ދަރަނި އިތުރުވިކަމުގައިވިޔަސް، ދިވެހި އިގުތިސާދަށް ދިމާވި ތަދުމަޑުކަމުގެ އަސަރު ދިވެހި ރައްޔިތުންނަށް ވީހާވެސް ކުޑަކުރުންކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އިގުތިސާދީ ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި މަސައްކަތްކުރުންކަމަށް އަމީރު ވިދާޅުވިއެވެ.

"ކަންތައްތައް އެންމެ ގޯސްވި ހިނދު، ގޭބިސީތަކަށް ފަސޭހަކޮށްދީ، ޚަރަދުކުރަން ހުރި ފައިސާ މަދުވިޔަ ނުދިނުމަށްޓަކައި، ކަރަންޓާއި ފެން ބިލްތަކުން ޑިސްކައުންޓް ދިނުން. ވަޒީފާ ގެއްލުނު އަދި މުސާރަ ދަށްވި ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުން.މީގެ އިތުރުން ލޯނު ނަގާފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމުގެ ގޮތުން ލޯނުތައް އަނބުރައި ދެއްކުން ފަސްކޮށްދެވުނު. ރާއްޖޭގެ ވިޔަފާރިތަކަށް، ދިވެހިން ވަޒީފާގައި ބޭތިއްބުމަށް ޝަރުތުކޮށް، އެތަކެއް ސަތޭކަ މިލިއަން ރުފިޔާގެ ލުއި ލޯނު ފޯރުކޮށްދެވުނު. ފަތުރުވެރިން ނެތް ރިޒޯޓްތަކުގެ ކުލި ދެއްކުން ފަސްކޮށްދެވުނު." އަމީރު ވިދާޅުވިއެވެ.



އާމްދަނީ ދަށްވެ ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވި ނަމަވެސް، މި ހުރިހާ ކަމެއް ކުރީ ސިވިލް ސަރވިސްގެ ވަޒީފާތަކާއި މުސާރަ ދަމަހައްޓައިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ދުޅަހެޔޮކަން ސަރުކާރުން މަޝްރޫޢު ހިންގާ މިންވަރާ ގުޅިފައިވާތީ، ފެށިފައިވާ މަޝްރޫޢުތައް ހުއްޓާނުލާ ކުރިއަށް ގެންދެވުނުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ ބޯޑަރު 15 ޖުލައި 2020 ގައި ހުޅުވުމަކީ ރާއްޖޭގެ އިޤުތިސާދު އަލުން އާރާސްތުވެ، އާރޯވުމަށް އެޅި އެންމެ މުހިއްމު ފިޔަވަޅުކަމަށެވެ. އަދި 2020 ގެ 3 މަސް ވަންދެން ފަތުރުވެރިން ނެތި ފަޅުވެފައި ހުރި ރިޒޯޓްތަކަށް ދިރުން ގެނައުމަކީ ރާއްޖޭގެ އިޤުތިސާދުގައި ވިންދުޖެހުންކަމަށްވެސް މިނިސްޓަރ އަމީރު ސިފަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން