ކޮޕް-26 ގެ ސަމިޓަށް އިނގިރޭސިވިލާތުގެ ގްލާސްގޯއަށް ފުރާ ވަޑައިގަތުމުގެ ކުރިން އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގަހެއް އިންދަވައި މުޅި ދުނިޔެއަށް ވަރުގަދަ މެސެޖެއް ދެއްވައިފި އެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދު މިމެސެޖް ދެއްވަން ގަސް އިންދާފައިވަނީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގެ ގޯތި ތެރޭގައެވެ.

ޝާހިދު މި ގަސް އިންދަވާފައިވަނީ ޔޫއެން ޑޭ ފާހަގަ ކުރުމުގެ ގޮތުން އދ. ގެ މައި މަރުކަޒުގައި ހުންނަ ނިއުޔޯކްގެ ކަނިންހަމް ޕާކްގައި ބޭއްވި ގަސް އިންދުމުގެ ހަރަކާތެއްގެ ތެރެއިންނެވެ.



މި ގަސް އިންދެވުމަށްފަހު ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދު ވިދާޅުވީ ޒިއުރިކް ޔުނިވާސިޓީން ހެދި ދިރާސާއެއްގައި ބައި ޓްރިލިއަން ގަސް އިންދައިގެން 205 ގިގަޓަނުގެ ކާބަން ނައްތާލެވޭނެ ގޮތް ހޯދާފައިވާ ކަަމަށެވެ. މިއީ އިންސާނުންގެ ސަބަބުން 1960 ވަނަ އަހަރުންފެށިގެން ޖައްވަށް ދޫވެފައިވާ ކާބަންގެ ދެބައިކުޅަ އެއްބައިކަން ޝާހިދު ފާހަަގަކުރެއްވިއެވެ.

ކޮޕް ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް އެކަމަށް ހައްލެއް ހޯދުމަށް އަހަރަކު އެއްފަހަރު ދުނިޔޭގައި ބާއްވާ ތިމާވެށީގެ އެންމެ ބޮޑު ސަމިޓެވެ. ދުނިޔޭގެ އެކި ޤައުމުތަކުން 100 އަށް ވުރެ ގިނަ ލީޑަރުން ގްލަސްލޯގައި ބާއްވާ ކޮޕް 26 ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ސަމިޓްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަދި އެންވަޔަރަންމެންޓް މިނިސްޓަރު މަރިޔަމް ޝައުނާ ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން