އދ. ދަނގެތީގައި މަރައިލުމަށްފަހު ވަޅެއްގެ ތެރެއަށް އެއްލާލާފައިވަނިކޮށް ފެނުނު އެރަށުގެ މަހުމޫދު އަބޫބަކުރު މަރާލާފައިވަނީ އޭނާގެ އަތުން ފައިސާ ފޭރުމަށް އުޅުމުގެ ތެރޭގައިކަމަށް ފުލުހުންގެ ތަހުގީގުން ހާމަވެއްޖެއެެވެ.

މަހުމޫދުގެ މަރުގެ މައްސަލައާއި ގުޅިގެން ދަނގެތީގައި މުސްކުޅި މީހަކު ބެލުމާ ހަވާލުވެގެން އުޅޭ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެެވެ. ފުލުހުން މީގެ ކުރިން ބުނީ މަހުމޫދުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ޝާ އަލޮމް މިއާ (ސާލިމް) ގެ އިތުރަށް އިތުރު މީހަކު ބައިވެރިވިކަން ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އެވާހަކަ މަހުމޫދުގެ އާއިލާ އިން ގަބޫލެއް ނުކުރެއެވެ.



ޝާ އަލޮމް މިއާ (ސާލިމް) ނަމަކަށް ކިޔާ މި ބިދޭސީ މީހާ ހައްޔަރުކުރުމާ ގުޅިގެން އޭނާވަނީ އެ މަރާ ގުޅޭ ގިނަ ކަންތައްތަކެއް ފުލުހުންގެ ތަހުގީގަށް ކިޔައިދީފައެވެެ. ފުލުހުން ވަނީ މަހުމޫދު މަރާލުމުގައި ސާލިމް އަމަލުކުރި ގޮތުގެ ތަމްސީލް ވެސް ކުޅުވާފައެވެެ. ދަނގެއްޗަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ހިމެނިވަޑައިގަންނަވާ ގޮތަށް ފުލުހުންގެ އިސްވެރިންގެ ޓީމަކުން ކުރި ދަތުރުގައި އެ ރަށު ކައުންސިލާއި މަހުމޫދުގެ އާއިލާއާ ބައްދަލުކޮށް އެމަރާގުޅޭ ގޮތުން އިތުރު މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

އެބައްދަލުވުމުގައި ފުލުހުން ބުނީ ރަށުގައި ހުރި ސީސީޓީވީ ކެމެރާތަކުން ބެލިއިރުވެސް އިތުރު މީހަކު އެކަމުގައި ބައިވެރިވިކަން ފާހަގަނުކުރެވޭ ކަމަށެވެ. މަހުމޫދު މަރައިލީ ސާލިމް ދިރިއުޅޭ ގެއަށް އޭނާ ގެންގޮސް އޭނާ އަތުން ފައިސާ ފޭރިގަތުމަށް މަސައްކަތްކުރުމުގެ ތެރޭގައި ހިނގި ކުރިމަތިލުމެއްގެ ތެރޭގައި ކަމަށް ފުލުހުންވަނީ އާއިލާއަށް މައުލޫމާތު ދީފައެވެ. މަރައިލުމަށްފަހު މަހުމޫދު ކައިރީގައިހުރި ފަޅު ގޯއްޗެއްގެ ވަޅެއްގެ ތެރެއަށް އެއްލައިލީވެސް ސާލިމް އެކަނިކަމަށް ފުލުހުން އެބައްދަލުވުމުގައި ވަނީ ބުނެފައެވެ.

މަހުމޫދުގެ ޤަތުލާ ގުޅިގެން ސާލިމް ހައްޔަރުކުރުމަށްފަހު އޭނާ ދިރިއުޅުނު ގެއަށް ގެންގޮސް އޭނާ ލައްވައި އެ ޤަތުލު ހިންގި ގޮތުގެ ތަފުސީލުތައް ވަނީ ހޯދައިފައެވެ. ސާލިމުގެ އިއުތިރާފަށް ބާރުލިބޭ އިތުރު ހެކި ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާއިރު، މަހުމޫދު މަރާލިއިރު އޭނާގެ އަތުގައި ހުރި ބައެއް ސާމާނު ސާލިމް ދިރިއުޅުނު ގޭގައި ވަޅުލާފައި ހުއްޓާ ފުލުހުން ވަނީ ކޮނެގެން ނަގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން