ބައިނަލްއަޤުވާމީ ތިމާވެށީގެ އެންމެ ބޮޑު ސަމިޓު ކަމުގައިވާ ކޮޕް26 ގައި ސަރުކާރުގެ ބައިވެރިވުން ޕްރޮމޯޓުކުރުމަށް ބައެއް ނޫސްތަކަށް ގިނަ އަދަދެއްގެ ފައިސާ ސަރުކާރުން ދެމުން އަންނަ ކަމަށް ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ސަޢީދު ތުހުމަތުކުރައްވައިފިއެވެެ.

މިއަހަރު ބާއްވާ ކޮޕް-26 ސަމިޓް ބާއްވަން ނިންމާފައި ވަނީ ސްކޮޓްލަންޑްގެ ގްލަސްގޯގަ އެެވެ. ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިހާރު ވަޑައިގެން ތިއްބެވީ ގްލަސްގޯގައެވެ. ޚާރިޖީވަޒީރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި އެންވަރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.



އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ވިދާޅުވީ މޫސުމީ ކާރިސާއިން ރާއްޖެ ސަލާމަތްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ސަރުކާރުން ކޮޕް-26 ސަމިޓަށް ދިއުމުން އެކަން ޕްރޮމޯޓުކުރަން ނޫސްތަކަށް 30،000 ރުފިޔާ ޚަރަދުކުރާ ސަރުކާރެއްގެ ކިބައިން އުންމީދުކުރެވޭނީ ކޮން ނަތީޖާއަކަށްތޯއޭ ވިދާޅުވެ ސައީދު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މި މުނާފިޤުކަން ނިމުމަކަށް އަންނަންޖެހޭ ކަމަށް ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އަދި ސަރުކާރުން މިހާރު އޮތީ މާބޮޑަށް ގޮތް ހުސްވެފައިތޯވެސް ސައީދު ސުވާލުކުރައްވާފައިވެއެވެ.

ސަމިޓަށް ރާއްޖެއިން މައިގަނޑު ގޮތެއްގައި ތިން ކަމެއް ހުށަހަޅާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި ހުށަހެޅުންތަކަށް ހައްލެއް ލިބޭނެކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮޕް ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އަހަރަކު އެއްފަހަރު އޮންނަ ސަމިޓެކެވެ. މި ސަމިޓްގައި ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ކޮޕް ސަމިޓްގައި ރާއްޖެއިން ހުށައަޅާ ހުށައެޅުން ތަކަށް ހައްލެއް ނުލިބޭތީ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން