ބޮޑުތަކުރުފާނު މަގުން، އައިޖީއެމްއެޗްގެ ހުޅަނގު ފަރާތުގެ އިންފާރާ ކައިރީގައި ފެންބޮޑުވަނީ އައިޖީއެމްއެޗްގެ ކޫލިންގ ޓަވަރުތަކުން ބޭރުކުރާ ފެނުގެ ސަބަބުންކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އައިޖީއެމްއެޗްގެ ހުޅަނގު ފަރާތުގައި ހެދިފައި އޮންނަ ފެންގަނޑުގެ ސަބަބުން އެ ސަރަހައްދުން ހިނގާބިނގާވެއުޅޭ މީހުންނަށާއި ވެހިކަލް ދުއްވާ ފަރާތްތަކަށް އުނދަގޫތަކާއި މައްސަލަތައް ދިމާވަމުންދާތީ، އެކަމުގެ ޝަކުވާތައް އެ ކައުންސިލަށް ލިބެމުންދާކަމަށެވެ. އަދި އެ ފެންގަނޑު ހެދެނީ ކޮންގޮތަކުންތޯ ބެލިއިރު، އެތަނުގައި ފެންގަނޑު ހެދެނީ އައިޖީއެމްއެޗްގެ ކޫލިންގ ޓަވަރުތަކަކުން ބޭރުކުރާ ފެންތަކެއްގެ ސަބަބުންކަން ފާހަގަކުރެވިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މި ކޫލިންގ ޓަވަރުތަކުން ބޭރުކުރާ ފެންތައް ދޫކުރަމުންދަނީ ކައުންސިލަށް އެނގިގެން ނޫންކަމަށާއި އަދި އެފެންތައް މަގުމައްޗަށް ދޫކުރަމުންދަނީ ކައުންސިލުން އެއްވެސް ހުއްދައެއް ދީގެން ނޫންކަމުގައިވެސް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. އަދި އެ ފެންގަނޑުގެ ސަބަބުން އެމަގުން ހިނގާއުޅޭ ފަރާތްތަކަށާއި، ވެހިކަލް ދުއްވާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އައިޖީއެމްއެޗްގެ ފަރާތުން އެމްޑަބްލިޔުއެސްސީއާއި ވާހަކަ ދެކެވި އެފެންގަނޑު އެތަނުގައި ނޯންނާނެ ގޮތަށް ހެދުމަށް މަސައްކަތް ކުރިނަމަވެސް އެކަމަށް ހައްލެއް ލިބިފައިނުވާކަމުގައި އައިޖީއެމްއެޗުން މައުލޫމާތު ދީފައިވާކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.

އެހެންކަމުން އެފެންގަނޑު އެތަނުގައި ނުހެދޭނެގޮތަށް ހެދުމަށްޓަކައި، ކައުންސިލުން އިސްވެ އައިޖީއެމްއެޗާއި ވާހަކަދައްކާ އެމަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި އައިޖީއެމްއެޗުން ފޯރުކޮށްދީގެން މަސައްކަތްކުރާގޮތަށް ކައުންސިލަށް ހުށަހަޅާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

ސިޓީ ކައުންސިލުން ބުނީ މާލޭ ސިޓީގެ މަގުމައްޗަށް އެއްވެސް ފަރާތަކުން ފެން ދޫކުރުމަކީ ކައުންސިލުން ހުއްދަދޭ ކަމެއް ނޫންކަމަށް ބުނެ އާންމު ރައްޔިތުންނަށް އުނދަގޫވާފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު