ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
މިއަހަރުގެ އެއްމިލިއަންވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހު އެކަނިވެސް 121،334 ފަތުރުވެރިން ރާއްޖެ އަށް ވަނީ ޒިޔާރަތް ކޮށްފައެވެ. އަދި އަހަރުގެ މިހާތަނަށް 992،196 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިއާއެކު މާދަމާ ރާއްޖެއަށް މިއަހަރުގެ އެއްމިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތް ކުރާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަޢުލޫމާތު ހާމަކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރ މަހު 114،896 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، އޯގަސްޓްމަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 143،599 ފަތުރުވެރިންނެވެ. ޖެނުއަރީމަހު ރާއްޖެއަށް 92،103 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ފެބްރުއަރީމަހު 96،882 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.

އަދި މާރޗް މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 109،585 ފަތުރުވެރިންނެވެ. އޭޕްރީލް މަހު 91،200 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މެއި މަހު ރާއްޖެއަށް ޒިޔާރަތް ކުރީ، 64،613 ފަތުރުވެރިންނެވެ. މީގެއިތުރުން ޖޫން މަހު 56،166 ފަތުރުވެރިން އަދި ޖެހިގެންއައި ޖުލައި މަހު 101،818 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެޤައުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި ނިސްބަތް 22.7 އިންސައްތައިގައި ހުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން ޙިއްސާކުރަނީ 18.7 އިންސައްތަ ފަތުރުވެރިންނެވެ. މިއަހަރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލަކު ޒިޔާރަތް ކޮށްފައިވަނީ، 4،511 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 899 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން 160 ރިސޯޓަކާއި، 144 ސަފާރީގެ އިތުރުން 10 ހޮޓަލަކާއި، 585 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ. މިއީ 51،740 ބެޑް ކެޕޭސިޓީއެވެ. އަދި ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 37،352 އެވެ.

ސަރުކާރުން ލަފާކޮށްފައިވަނީ، މިއަހަރު 1.3 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. މައުސޫމް ވިދާޅުވެފައިވަނީ، މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 93 އިންސައްތަ މުވައްޒަފުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން މިހާތަނަށް 99 އިންސައްތަ މުވައްޒަފުން ވަނީ ފުރަތަމަ ޑޯޒް ޖަހައިފައެވެ. ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ރިސޯޓްތަކުގައި މުޅި ޖުމްލަ 41،431 މުވައްޒަފުން މަސައްކަތްކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން