ބޮލީވުޑް ފިލްމް އިންޑަސްޓްރީގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ، ކުޅަދާނަ އެކްޓަރ ރިތިކް ރޯޝަންގެ ސުޕަހީރޯ ފިލްމް، "ކްރިޝް-4" ގައި އޭނާގެ އަޑުން ކިޔާފައިވާ ހިތްގައިމު ލަވައެއް ހިމަނަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ކްރިޝް-4 ގެ ޑައިރެކްޓަރ، ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަނެވެ. ރާކޭޝް ބުނެފައިވަނީ މިއުޒިކަކި ފިލްމެއްގެ ވާހަކައިގައި ވަރަށް ބޮޑު ރޯލެއް އަދާކުރާއެއްޗެއް ކަމަށާއި، "ކްރިޝް 4" ގެ މިއުޒިކް ވެގެންދާނީ ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ މިއުޒިކަކަށް ކަމަށެވެ.

އެގޮތުން މި ފިލްމު އެންމެ ހާއްސަ ވެގެންދާނީ ފިލްމުގެ ލަވަތަކުގެ ތެރެއިން މަދުވެގެން އެއް ލަވަ އޭނާގެ ދަރިފުޅު ރިތިކްގެ އަޑުން ރެކޯޑް ކުރުން ކަމަށްވެސް ރާކޭޝް ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، ކްރިޝް-4 އާއިބެހޭ ގޮތުން ރާކޭޝް ބުނީ އަދިވެސް ފިލްމުގެ ސްކްރީންޕްލޭ އިތުރަށް ފުރިހަމަކޮށް ވަރުގަދަ ކުރަމުން އަންނަ ކަމަށާއި، އެހެންކަމުން އަދި ފިލްމުގެ ޝޫޓިން ފެށޭނެ ވަކި ތާރީހެއް ހާމަކުރަން ދަތި ކަމަށެވެ.

ކްރިޝް-4 ހަދަން އުޅޭ ވާހަކަ 2017 ވަނަ އަހަރުން ފެށިގެން ދަނީ ދެކެވެމުންނެވެ. 2006 ވަނަ އަހަރު ރިލީސްކުރި "ކްރިޝް" ގެ ފުރަތަމަ ފިލްމަށް މިދިޔަ ޖޫން މަހަށް 15 އަހަރުވުމާ ގުޅިގެން އެކަން ފާހަގަކޮށް ރިތިކް ބުނެފައި ވަނީ "ކްރިޝް 4" ވެސް އަންނާނެކަން ކަށަވަރު ކޮށްދީފައެވެ. މިއާއެކު ކްރިޝްގެ ސިލްސިލާއަށް އަނެއްކާވެސް ބޮޅެއް އިތުރުވެގެންދާނެކަން ޔަގީންވުމުން ރިތިކްގެ ފޭނުން މިހާރުވެސް ތިބީ މި ފިލްމުގެ އިންތިޒާރުގައި ކެތް މަދުވެފައެވެ.

ރިތިކް މިހާރު ދަނީ 2017 ވަނަ އަހަރު ނެރުނު ތަމަޅަ ފިލްމު "ވިކްރަމް ވޭދާ" ގެ ހިންދީ ރިމޭކްގެ މަސައްކަތް ކުރަމުންނެވެ. ފިލްމް "ވިކްރަމް ވޭދާ" އަންނަ އަހަރު ރިލީޒް ކުރަން ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން