ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
މި ދަނޑިވަޅުގައި ފަތުރުވެރިކަމަށް ރަށްތަކެއް ހުޅުވާލީ ދިވެހިންނަށް ފުރުސަތު ހަނިކުރުމަށް ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އާއި ވާހަކަ ދައްކަވަމުން ކުރިން ފަތުރުވެރިކަމުގެ ދާއިރާގައި ވެސް މަސައްކަތް ކުރެއްވި ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް މިއަދު ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާ ދަށްވެފައިވަނިކޮށް ފަތުރުވެރިކަމަށް އިތުރު ރަށްތަކެއް ހުޅުވާލީ ދިވެހިންނަށް ފުރުސަތު ހަނިކުރުމަށް ކަމަށް ބެލެވޭ ކަމަށެވެ.

އަދި މިހާރު ކުރިއަށްދާ ދުބާއީ އެކްސްޕޯއަށް ރައީސް ވަޑައިގަންނަވައި ކުރިން އިޢުލާނު ނުކުރާ ރައްތަކެއް އެ ފޯރަމްގައި އިއުލާން ކުރި ހިސާބުން އެނގެނީ އެކަމުގައި ސަރުކާރުގެ ސިއްރު އެޖެންޑާއެއް ހިމެނޭކަން ކަމަށް ޝަރީފް ވިދާޅުވިއެވެ. ޓޫރިޒަމް ގާނޫނު ބުނާގޮތުން ފަތުރުވެރިކަމަށް ހުޅުވާލާ ރަށްތައް ކުރިން އިއުލާންކުރަން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ފުރަތަމަ ކަމަކީ ނުހެދި ރަށްތަކެއް ހުއްޓައި އެތަންތަން ހެދޭނެ ގޮތެއް ނުހޯދައި އިތުރު ރަށްތަކެއް ބާޒާރަށް ނެރުން، މިކަމުގެ ސަބަބުން ލާމަރުކަޒީގެ ދަށުން ކައުންސިލްތަކަށް އޮތް ފުރުސަތު ގެއްލޭނެ. އަދި އައްޑޫގައި ތަރައްގީ ކުރަން ބުނި 7000 އެނދު ނުހެދި ލަސްވެގެންދާނެ. މިހާރު ހުޅުވާލަންޖެހެނީ ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތެއް ބަލާފައި ސިޓީ ހޮޓެލްތަކާއި ބޮޑެތި ޕްރޮޖެކްޓުތަކެއް." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދުބާއީގައި ކުރިއަށްދާ އިންވެސްޓުމަންޓު ފޯރަމަށް އެކަށީގެންވާވަރުގެ ޕްރޮޖެކްޓެއް ރޭވިފައި ނެތްކަމަށެވެ. އެހެންކަމުން އެންމެ ފަސޭހައިން ކޮށްލެވޭނެ ކަންތައް ކޮށްލުުގެ ގޮތުން ރަށްތަކެއް ހުޅުވާލީ ކަމަށް ޝަރީފް ވަނީ ތުހުމަތު ކުރަށްވާފައެވެ.

"މިފަހަރު އަގުދަށްކޮށް ހުޅުވާލި ރަށްތަށް ނެގި ސިޔާސީ ފަރާތްތަކަށް އިތުރު ފުރުސަތު ހުޅުވާލައި އެރަށްތަކަށް އިންވެސްޓަރުން ހޯދައިދިނުންވެސް ތިކަމުގެ އަޑީގައި އޮވެދާނެ." ޝަރީފް ވިދާޅުވިއެވެ.

ރިސޯޓް ތަރައްޤީކުރުމަށް ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ހުޅުވާލި 23 ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްވެސް ވަނީ ކުޑަކޮށްދީފައެވެ. އެގޮތުން މިރަށްތަކުގެ އެކިއުޒިޝަން ކޮސްޓް 30 އިންސައްތަ ކުޑަކޮށްދީފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ރާއްޖެއާއި ދުނިޔޭގެ އިޤުތިޞާދީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ ގިނަ ރަށްތަކެއް ފަތުރުވެރިކަމަށް ހުޅުވާލުމަށް ނިންމާފައިވާ މައްސަލައިގައި ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ ބަހެއް ހޯދުމަށް ކުރަމުންދާ މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން