ކޯވިޑް-19ގެ ސަބަބުން މުޖުތަމަޢުގައި އޮންނަންޖެހޭ ހަމަހަމަކަން ވަނީ ގެއްލިފައިކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ "ޔުނައިޓެޑް ނޭޝަންސް ޑޭ"ގެ މުނާސަބަތުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދެއްވި މެސެޖުގައެވެ.

މިނިސްޓަރ ޝާހިދުގެ މެސެޖުގައި ވިދާޅުވީ އދ އަށް 76 އަހަރު ފުރުން މިއަދު ފާހަގަކުރަމުންދާއިރު، އދ ގައި ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް މަލްޓިލޭޓަރަލިޒަމާއި ޑިޕްލޮމަސީއަށް އަޅުގަނޑުމެން ކުރާ އިތުބާރު ދަމަހައްޓާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

އދގެ ޗާޓަރުގައި ބަޔާންކޮށްފައިވާ އަސާސްތަކުގެ މައްޗަށް ރިޢާޔަތްކޮށް، ހުރިހާ މެމްބަރު ގައުމުތަކާއި ގުޅިގެން އަދި މަލްޓިލޭޓަރަލިޒަމްގެ ރޫޙު ދަމަހައްޓައިގެން މި މަސައްކަތްކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޓެރަރިޒަމާއި، މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި ކޯވިޑް-19ގެ ސަބަބުން މުޖުތަމަޢުގައި އޮންނަންޖެހޭ ހަމަހަމަކަން ވަނީ ގެއްލިފައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެންމެންނަށްވެސް އުފާވެރި މުސްތަޤްބަލެއް ލިބޭނެކަމުގެ އުއްމީދުގައި، އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީއާއި ޢަދުލު އިންޞާފާއި ހަމަހަމަކަން ހުރިހާ ޤައުމުތަކަށްވެސް ހޯދައިދިނުމުގެ މަސައްކަތުގައި ދިވެހިރާއްޖެ އަބަދުވެސް އދ.އާއި އެކު ސާބިތުކަންމަތީ މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވަން." ޝާހިދު ވިދާޅުވިއެވެ.



ރާއްޖެއިން އދއާއި ގުޅުނީ 1965 ވަނަ އަހަރުކަމަށާއި އޭރު އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ތެރޭގައި އަދި ގައުމުތަކުން އެންމެ ފުރަތަމަ އދ. އާއި ގުޅުނު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވީނަމަވެސް، ދިވެހިރާއްޖެއަކީ އ.ދ ގައި ޙަރަކާތްތެރި ޤައުމެއްކަމަށެވެ. އަދި އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްކަމަށް ދިވެހިރާއްޖޭގެ ކެނޑިޑޭޓް އިންތިހާބުކުރުމުން، ބައިނަލްއަގުވާމީ މުޖުތަމައުން ދިވެހިރާއްޖެއަށް ކުރާ އިތުބާރު ހާމަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ކެންޑިޑޭޓްގެ ހައިސިއްޔަތުން އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމުގައި އަޅުގަނޑު މަސައްކަތް ކުރުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް. މިއީ އެއްވެސް މީހަކު ބާކީ ނުވާ، ރައްޔިތުންނާއި މުޅި ދުނިޔޭގެ ފާގަތިކަމަށް އޮތް އުންމީދީ ރިޔާސަތެއްކަމުގެ ޔަގީންކަން މެމްބަރު ހުރިހާ ގައުމުތަކަށްވެސް އަރުވަން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކޮށްގެން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި، އެޖެންޑާ 2030 އާއި ޕެރިސް އެގްރީމެންޓްގައިވާ ލަޑުދަނޑިތައް ކާމިޔާބުކުރެވޭނެކަމަށެވެ. އަދި ދުނިޔޭގެ އެއްބައިވަންތަކަމާއި މަލްޓިލޭޓަރަލިޒަމްގެ ރޫޙު ދަމަހައްޓައި، މި ގޮންޖެހުންތަކުން އަރައިގަނެ އަންނާން އޮތް ޖީލުތަކަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދެވޭނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން