މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޑްރަގުގެ ބޮޑުން "ސިއްސައިގެން" ދާވަރުގެ ބިރުވެރި މާހައުލެއް އުފައްދަންޖެހޭކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވެފައި މިވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން އެ މީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަވަން މަސައްކަތްކުރައްވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވުމާއި އަދި މަސްތުވާތަކެތީގެ މައްސަލައިގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

"ރަސް އޮންލައިން"އާ ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ މަސްތުވާއެއްޗެތީގައި ޖެހި ދެވިހިފާފައިވާ މީހުން ރަށުގައި ބައިތިއްބައިގެން ފަރުވާ ދެވޭތޯ މަސައްކަތް ކުރައްވާކަމަށް ރައީސް ވިދާޅުވި ވިދާޅުވުމަކީ އެ މަނިކުފާނަށް މި މައްސަލަ އެގިވަޑައިނުގަންނަވާ ވަރު ހާމަވެގެން ދިޔަ ކަމެއްކަމަށެވެ. އެގޮތުން ހިންމަފުށީގައި އެންމެ ރިހެބް ސެންޓަރެއް ދައުލަތަށް ނުހިންގި ތަން ވީރާނާވެފައިވާކަމަށް އުމަރު ވިދާޅުވި އެވެ.

"އެތަނުން ފަރުވާ ހޯދައިގެން ނިކުންނަ މަދު މީސްކޮޅުވެސް އަބުރާ މަސްތުގެ ހާލަތަށް ރުޖޫއަވަމުން ދާއިރު ރާއްޖޭގެ 186 ރަށުގައި ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވިސްނަވާކަމަށް ވިދާޅުވުމީ ހައިރާންކަން ލިބުނު ކަމެއް." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މި ސަރުކާރަކަށްވެސް، އަދި އެއްވެސް ސަރުކާރަކަށް ޑްރަގްގެ އެކަށީގެންވާ ހަރުދަނާ، ދެމެހެއްޓެނިވި ސިޔާސަތެއް ގެންގުޅެވިފައެއް ނެތްކަމަށެވެ. އަދި މި ސަރުކާރުގެ ޑިސީޝަން މޭކިންގް ލެވެލް (ސިޔާސަތު ކަނޑަަަޅާ ފަރާތްތައް) ގައި މިކަން ހައްލު ކުރުމަށް ހަދަންވީ ގޮތަކާމެދު ވިސްނުން ހުރި ބޭފުޅަކުވެސް ހުރިކަމަކަށް ނުދެންނެވޭނެކަމަށް އުމަރު ވިދާޅުވިއެވެ.

"ކޮންމެ ފަހަރަކު މަގުތައް ފުރިބަންޑުން ވެގެން އިޖްތިމާޢީ މައްސަލައެއް ފެންމަތިވެ ރައްޔިތުން ކަންބޮޑުވުމުން، ޕޮލިޓިކަލް ހެޑްލައިން އެއް ހެއްދެވުން ނޫން ކަމެއް އެއްވެސް ސަރުކާރަކުން ނުކުރައްވާ. ރައީސް ކުޅުދުއްފުށީގައި އެ ހެއްދެވީ މި ދެންނެވިފަދަ ހެޑްލައިން އެއް." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މި ފަހަކަށް އައިސް ފެންނަމުންދާ ޑްރަގްގެ އަދަދު ބޮޑުތަނުން އިތުރުވެގެން ދާދިއުމުން ފެންނަނީ މަސްތުގެ މާކެޓް ފުޅާވެ، އޭގެ ސަބަބުން އެތެރެކުރާ އަދަދުތައް އިތުރުވެފައިވާ މިންވަރުކަމަށެވެ. އަދި މީގެ ކުރިން ކިލޯއިން މާކެޓަށް ނެރޭ ނެރުން 100 ކިލޯއަށް ބަދަލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެތެރެކުރާ މީހުންނަށް އަދަބު ނުދެވޭތީ، އެތެރެ ކުރާ މީހުން ބިރުކެޑިފައިވާ މިންވަރު." އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރު ތުހުމަތުކުރަށްވާ ހޮތުގައި ޑްރަގް އެތެރެކުރާ މީހުން ކޯޓުގެ ތެރެއިން ދޫވެގެން ދަނީ ޑްރަގް ޑީލަރުންގެ އަތްތައް ދައުލަތުގެ ތެރެއަށް ވަދެފައިވާތީކަމަށެވެ. އަދި އަތުލެވޭ ޑްރަގް ކޯޓާ ހަމައަށް ދާއިރު "ފުށަށް" ބަދަލުވެފައި ހުރުމާއި ހައްޔަރު އަމުރުގައި ކުށް ހުރުމާއި، ގަޑި ޖެހޭ ފަހުން ކޯޓަށް ހާޒިރުވުމާއި، މިފަދަ އެތައް ޤާނޫނީ ބާގަނޑުތަކަކީ ގަސްތުގައި އުފައްދާ ބާގަނޑުތަކެއްކަމަށް އުމަރު ވިދާޅުވިއެވެ.

"އެ ބާގަނޑު ތަކަކީ އަގު ކިޔައިގެން، ހިންގާ ފައިސާގެ މުއާމަލާތްތަކެއް." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް އޮތް ހައްލަކީ "ސަޕްލައި ލައިން" ސިއްސައިގެން ދާވަރުގެ ބިރުވެރި މާހައުލެއް އުފެއްދުންކަމަށެވެ. އަދި އެއީ އެތެރެކުރާ މީހާއަށް މަރުގެ އަދަބު ދިނުމާއި، އެތެރެކުރާ ބޯޓުތައް ކަޑުމަތިން ބަޑިޖަހާ ފައްތާލުންކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ބޭނުންކުރާ މީހާ 24 ގަޑިއިރުގެ ތެރޭގައި ފަރުވާއަށް ފޮނުވުމާއެކު 2 އަހަރު ދުވަހުގެ ވަށާޖެހޭ ފަރުވާއެއް ދޭންޖެހޭކަމަށެވެ. އަދި ރަނގަޅު ވަންދެން ފަރުވާގެ ބުރުގެ ތެރޭގައި ގެންގުޅެންޖެހޭކަމަށާއި އެން،ޑީ،އޭ އުވާލާ ޑްރަގް އެންފޯސްމަންޓް އޭޖެންސީއެއް އުފެއްދަން ޖެހޭކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"އިސްލާމީ ޝަރީއާގެ މޮޑެލް އެއްގެ ތެރެއިން މުޅި މައްސަލައަށް ދާއިމީ ޙައްލެއް ނެރުން." އުމަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ވެލިދޫ

28-Oct-2021

މަސްތުވާތަކެތި ވިއްކާ ކަމުގެ ތުހުމަތުގާ ނ.މަނަދޫ އިން މަސްތުވާ އެއްޗެއްސާއެކު ހައްޔަރުކުރި ޒުވާނަކަށް ރަށުގާ ހުރި ފުލުހުންގެ ވެރިޔާ ދިން އޮފާއަކީ ފުލުހުންގެ ވެރިޔާ ހައްޔަރު ކުރަން ބޭނުންވާ މީހަކު ހައްޔަރުކުރުމުގާ އެހީތެރިވުން،ބަދަލުގާ ޒުވާނާ މުޖުތަމައަށް ދޫކޮށްލަން އެއްބަސްވި އަދި ފަހުން އެކަން އެގޮތަށްނިމި ޒުވާނާ މިނިވަންވެސްވި. އާހިރު ނަތީޖާއަކީ މިޒުވާނާގެ މަޅީގާޖެހި ރަށުގާ އެންމެ ކުރިއަރަމުން އައި ޒުވާން ފުޓްބޯޅަޓީމުގެ ގިނަ ކުޅުންތެރިންތަކެއް މަސްތުގެ ވަބާގަޖެހި ހަލާކުވުން. މީ ހަގީގަތުގަވެސް ހިނގާފަވާކަމެއް.



ޓްރެންޑިން