ޒިނޭގެ ކުށް ސާބިތުކުރުމަށްޓަކައި ޑީއެންއޭއަކީ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ ފިރިހެނެއްގެ މައްޗަށް އުފުލި ޒިނޭ ކުރުމުގެ ދައުވާ ސާބިތުނުވާކަމަށް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި މައްސަލައަށް ހައިކޯޓުންވެސް ތާއީދުކޮށްފައި ވަނިކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުންނެވެ.

މިމައްސަލައިގައި ދަށު ކޯޓުން ހުކުމްކޮށްފައި ވަނީ ޒިނޭގެ ކުށް ސާބިތުކުރެވޭނީ 4 ފިރިހެނުންގެ ހެކިބަހުން ނުވަތަ އަމިއްލަ އިއުތިރާފުންކަމަށެވެ. އަދި ޑީއެންއޭއަކީ ޒިނޭގެ ކުށް ސާބިތުކުރުމަށް ހުށަހެޅޭނެ ހެއްކެއް ނޫންކަމަށް ދަށު ކޯޓުގެ ހުކުމުގައިވެއެވެ.

މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.

ނަމަވެސް މިމައްސަ ޕީޖީން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ޒިނޭގެ ކުށް ސާބިތުކުރުމަށް ޑީއެންއޭ ހެކި ބޭނުންކުރެވޭނެކަމަށެވެ. އަދި ދަށު ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލުކުރުމަށާއި ޑީއެންއޭ ހެއްކަކީ އެއަށް ބާރުދެނިވި ހަރުދަނާ ގަރީނާ ހުރިނަމަ ބަލައިގަންނަންޖެހޭ ހެއްކެއްކަމަށެވެ. މީގެއިތުރުން ޒިނޭގެ ކުށުގެ ދައުވާ އުފުލި މީހާގެ މައްސަލަ އަލުން ބެލުމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.

މިމައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު ހުސްނުއްސޫއުދާއި، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫންއެވެ.



ކިޔުންތެރިންގެ ހިޔާލު