ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން ޒުވާނުން ހިފުމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މިރޭ އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަަވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ، މާދަމާ ގައުމާއި ހަވާލުވާން ތިބީ ޒުވާނުންކަން ވިސްނަންޖެހޭ ކަމަށެވެ. ރާއްޖެ ކުރިއަރުވައި ތަރައްޤީ ކުރުމުގެ ހުރިހާ ޒިންމާއަކާ، މާދަމާ ޙަވާލުވާން ތިބީ މިއަދުގެ ޒުވާނުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ، ޒުވާނުންނަކީ ޤައުމީ މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލް ބަޔަކަށް ހެދުމަށް ކަމަށެވެ.



"ހުރިހާ ޒުވާނުންވެސް ވިސްނަންވީ، މިހާރު ތިޔަ ހޭދަކުރަނީ ޢުމުރުގެ އެންމެ އަގުބޮޑު ދުވަސްވަރުކަން. އެ މީހެއްގެ ޙަޔާތުގެ ކުރިމަގު ބާއްޖަވެރިކަމުގެ މަތީގައި ބިނާކުރެވޭނީ، ޒުވާން ޢުމުރުގައި އަޅާ ބިންގާ ސީދާކުރި މިންވަރަކުން. ރާއްޖޭގެ ކޮންމެ ޒުވާނެއްގެ ކިބައިގައިވެސް ތަފާތު ހުނަރުތަކަކާއި، ތަފާތު ޤާބިލުކަމެއް އެބަހުރި. ޤައުމު މިއަދު އެދި ގޮވަނީ، ތިޔަ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަމުން، އަދި އުފެއްދުންތެރި ވިސްނުންތަކުން ޤައުމަށް ކުރިއެރުން ހޯދައިދިނުމަށް." ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ އިޤްތިޞާދު އާރާސްތު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، ރާއްޖޭގެ ރިޒޯޓުތައް ހުޅުވެމުންދާ ކަމަށާއި އެ ރިސޯޓްތަކަށް ވަޒީފާއަށް ޒުވާނުން އިންތިހާއަށް ބޭނުންވާ ކަމަށެވެ.

ރައީސް ސާލިޙު ވިދާޅުވީ މަސައްކަތެއް ނުކޮށް ތިބި، ވަރަށް ގިނަ ޒުވާނުންތަކެއް މިހާރުވެސް އެބަތިބި ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ މަސައްކަތު ބާޒާރުގައި، ވަރަށް ގިނަ ޢަދަދެއްގެ ބިދޭސީންވެސް އެބަ ހަރަކާތްތެރިވާ ކަމަށާއި އެކަމުން އެނގެނީ، މަސައްކަތެއް ނުކޮށް ޒުވާނުންތަކެއް ތިއްބަސް، މަސައްކަތު ބާޒާރުގައި ތަފާތު ފުރުޞަތުތައް އެބަހުރިކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުރިއަށް އޮތް ސީޒަނަކީ ރާއްޖެ އިރާދަކުރެއްވިއްޔާ މިއިން ދުވަހަކު ނުދެކޭވަރުގެ ރަނގަޅު ޓޫރިސްޓް ސީޒަނަކަށް ވެދާނެކަމުގެ ޢަލާމާތްތައް، ފޯކާސްޓް މިއަދު އެބަ ކުރެވޭ. އަޅުގަނޑުމެންގެ ޒުވާނުން ނުކުމެ ރިޒޯޓުތަކުގަޔާއި އަދި މިއާ ގުޅުންހުރި ކަންތައްތައްކުގައި، ހިތްވަރާއެކު މަސައްކަތް ކުރަން ޖެހިފައި އޮތް ވަގުތެއް މިވަގުތަކީ." ރައީސް ސާލިޙު ވިދާޅުވިއެވެެ.



ކިޔުންތެރިންގެ ހިޔާލު