އަންނަ މަސް ނިމޭއިރު އެއް މިލިއަން ފަތުރުވެރިން މިއަހަރު ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފިއެވެ.



އެމްއެމްޕީއާރުސީން މިހެން ބުނެފައިވާއިރު، މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 953723 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 4361 ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.

އެމްއެމްޕީއާރުސީން ބުނީ ކުރިއަށްއޮތް 11 ދުވަސްތެރޭ ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ ބެލެނިވެރި ކުންފުނީގެ ހައިސިއްޔަތުން މި ކާމިޔާބީއާއި ހަމައަށް ރާއްޖެ ގެންދިޔުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ކޯވިޑްގެ ސަބަބުން ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ފަތުރުވެރިންނަށް ޤައުމު ހުޅުވާލި ފުރަތަމަ މަންޒިލަށް ރާއްޖެ ވެގެންދިޔައީ، ރާއްޖޭގެ ރައީސުލްްޖުމްހޫރިއްޔާގެ ނިންމެވުމާއި، މި ދާއިރާގެ ގިނަ ފަރާތްތަކެއް އެކުގައި ކުރި ބުރަ މަސައްކަތުންނާއި، ތޫނުފިލި ނިންމުންތަކުގެ ސަބަބުންކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

އެމްއެމްޕީއާރްސީގެ މި އަހަރުގެ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 25 އަށްވުރެ ގިނަ ފެއާގައި ރާއްޖެ ތަމްސީލްކޮށްފައިވެއެވެ. މީގެ އިތުރުން 5 ރޯޑް ޝޯ އާއި 1 ވާޗުއަލް ޝޯގައި ބައިވެރިވެ ރާއްޖެ ތަމްސީލްކޮށްފައިވެއެވެ. އަދި ދުނިޔޭގެ އެންމެ ބޮޑެތި ޓްރެވަލް އެޖެންސީތަކާއި، ޓުއަރ އޮޕަރޭޓަރުން، އޮންލައިން އަދި ޕްރިންޓް ނޫސްތަކާއި، މަޖައްލާތަކާއި، ޓީވީ، ރޭޑިއޯ، އެއާރލައިން ފަދަ ފަރާތްތަކާއެކު، ދުނިޔޭގެ އެކި ޤައުމުތަކަށް އަމާޒުކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ 39 ކެންޕެއިން ހިންގިފައިވެއެވެ.

މިއަހަރު އެއް މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔަން ތައްޔާރުވަމުންދާއިރު، އަންނަ އަހަރު މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ގެނައުމުގެ އަމާޒު، ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން