މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ އާއެކު ސަރުކާރުގެ ބައެއް މުވައްޒަފުންގެ މުސާރަ ދެ ގުނަވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ. ހިމަންދޫ ބަނދަރު އިފްތިތާހުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީ މަހު އެންމެ ކުޑަ މިނުން ދެވޭނެ އުޖޫރަ ކަނޑައަޅައި، ދޭން ފަށާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމުން ސަރުކާރުން މުސާރަދޭ 15،000 އަށްވުރެ ގިނަ މުވައްޒިފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގެ 13،000 ވުރެ ގިނަ މުވައްޒިފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒިފުންނާއި ޑޮކްޓަރުންގެ މުސާރަވެސް ބޮޑު ކުރައްވަން ނިންމާފައިވާ ކަމަށެވެ. އަދި މުޅި ދައުލަތުގެ ޕޭހާމަނައިޒޭޝަންގެ މަސައްކަތް ނިމި އަންނަ އަހަރު އަމަލު ކުރަން ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުގައި ވަޒީފާ އަދާކުރާ ބައެއް ފަރާތްތަކުގެ މުސާރަ ދެގުނަވެގެންދާތަން އެބަފެނޭ، ސަރުކާރުން މިކަމަށް ހޭދަކުރަންޖެހޭ ގާތްގަނޑަށް އަންދާޒާ ކުރެވިފައި އޮތްގޮތުން، މިއަންނަ އަހަރުގެ ތެރޭގައި ބަޖެޓުގައި 600 މިލިއަނަށް ވުރެ ގިނަ ފައިސާ އެބަ ޚަރަދުކުރަންޖެހޭ މިނިމަމް ވޭޖް ކަނޑައެޅުމާއި އެކީގައި، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި އެފައިސާ ވަނީ ހިމަނާފައި." ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ އެންމެ ކުޑަ އުޖޫރަ އާއެކު ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަރަށް ބޮޑު ކުރިއެރުމެެއް ލިބިގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު