ބޮއްސުންލާފައިވާ އައްޑޫގެ ސިއްހީ ނިޒާމަށް ހައްލެއް ގެންނަން މަޖުބޫރުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އަތޮޅެއްގައި ގާއިމުކޮށް ހިންގާ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލް ކަަމަށްވާ، އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ޚިދުމަތްތައް ބޮއްސުންލައި ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކަމާ ގުޅިގެން "ރަސްއޮންލައިން"ގައި މިއަދު ޝާއިއުކުރި ރިޕޯޓެއް ޓުވީޓާގައި ހިއްސާކުރައްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ، އައްޑޫ ރައްޔިތުންގެ ހައްގުގައި އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލްގެ ހިންގުމުގެ ނިޒާމަށް ބަދަލު ގެނެސް އައްޑުއަށް ނިސްބަތްވާ މީހުން އެކުލެވޭ ގޮތަށް، ބޯޑެއް އެކުލަވާލައްވައި އައްޑުއަށް ނިސްބަތްވާ ސީއީއޯއެއް އެތަނަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ހަމަޖެެއްސެވީ ވަރަށް ބޮޑު އުއްމީދެއްގައި ކަމަށެވެ.

"އެހެންނަމަވެސް އަހަރެއްވީއިރު ވެސް ކުރިއެރުމެއް ނުލިބި ބޮއްސުންލުމުން ހައްލެއް ހޯދަން މިވަނީ މަޖުބޫރުވެފައި." އައްޑޫގެ ސިއްހީ ނިޒާމު މިހާރު އޮތްގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި ނިހާދު ވިދާޅުވިއެވެ.



ނިހާދު މީގެ ކުރިން ވިދާޅުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ތަޖުރިބާކާރު ޤާބިލް ބޭފުޅަކު ބޭނުންވާކަމަށެވެ. ނިހާދު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން އެދެނީ ހޮސްޕިޓަލަށް އަވަސް ބަދަލެއްކަމަށެވެ. އަދި އޭއީއެޗްގެ ފެންވަރު ރަނގަޅުކުރަން ބޭނުންނަމަ މީހުންނާއި ގުޅޭ، މުވައްޒަފުން ގެންގުޅެން ދަންނަ، ކަމުގެ ތަޖުރިބާ ހުރި މީހަކު އަވަހަށް އައްޔަންކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ސީދާ ބެލުމުގެ ދަށުން ހިންގަމުންދިޔަ އައްޑޫގެ ޓާޝާރީ ހޮސްޕިޓަލު ހިންގުމަށް މިދިޔަ އަހަރު އާ ބޯޑެއް އެކުލަވާލައި އެ ހޮސްޕިޓަލުގެ ސީއީއޯއަކަށް ޑރ. މުހައްމަދު ސޯލިހު ވަނީ އައްޔަންކުރައްވާފައެވެ. ސިއްހީ ދާއިރާގައި 25 އަހަރު ހޭދކުރައްވާފައިވާ ޑރ. ސޯލިހަކީ ރާއްޖޭގައި މަޝްހޫރު ސާޖަން އެކެވެ. އަދި ހޮސްޕިޓަލް މެނޭޖްމަންޓު ދާއިރާއިން މާސްޓާސް ވެސް އޭނާ ވަނީ ހާސިލްކުރައްވާފައެވެ. އެހެންނަމަވެސް ޑރ. ސޯލިހް ހޮސްޕިޓަލްގެ ސީއީއޯ ކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން އައްޑޫގެ ސިއްހީ ނިޒާމް ބޮއްސުންލައި ޚިދުމަތްތައް "ދޯދިޔާ" ވެފައިވާ ކަމަށް ބުނެ އައްޑޫގެ ގިނަ ރައްޔިތުން ދަނީ ޝަކުވާކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު