ބީއެމްއެލުން ރޭ ބޭއްވި ޙަފްލާގެ ތެރެއިން
ބީއެމްއެލުން ރޭ ބޭއްވި ޙަފްލާގެ ތެރެއިން
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދީފިއެވެ.

އެވޯޑް ދިނުމަށް ރޭ ބޭއްވި މި ޚާއްސަ ހަފްލާގައި ބޭންކަށް 15 ،20 ،25، 30 އަދި 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ. މެންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްްވި މި ހަފްލާގައި އެވޯޑް ލިބުނު 61 މުވައްޒަފަކަށް މިއެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ އެވެ.

މި ޙަފްލާގައި 35 އަހަރު ބޭންކަށް ޚިދުމަތްކޮށްދީފައިވާ ޒުލްފާ މުހައްމަދު، ކަސްޓަމަރ ސަރވިސް މެނޭޖަރ އަދި 30 އަހަރު ބޭންކަށް ހިދުމަތް ކޮށްދެއްވައިފައިވާ ޝަމްސިއްޔާ އިބްރާހިމް، ހެޑް އޮފް ކަސްޓަމަރ ޕްރޮސެސިންގއަށް ވަނީ ޚާއްސަ އެވޯޑެއް ދީފައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އެ މުވައްޒަފުން ބޭންކުގައި ހީވާގިކަމާއެކު ކޮށްދެއްވި ބުރަ މަސައްކަތް މިރޭ އެބޭންކުން ފާހަގަކުރަނީ ނުހަނު ފަހުރުވެރިކަމާއެކުގައި ކަމަށެވެ.

"ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހިދުމަތްދިނުމުގައި ނުހަނު ބުރަކޮށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް ޕްރޮފެޝަނަލް ކަމާއެކު ކުރައްވާ މަސައްކަތައް ޝުކުރު އަދާކުރަން. މި ބޭންކަށް ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ތިޔަބޭފުޅުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އަދާކުރައްވަމުންދާ މުހިންމު ދައުރު ފާހަގަ ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ފައިކޮށްދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު އެބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންކަން ވެސް ފާހަގަކޮށްލެވެއެވެ.

މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ފޯރުކޮށްދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ބޭންކުން ގެންނަމުންދާކަން ވެސް ފާހަގަކޮށްލެވެއެ. އަދި ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ ހަރަކާތްތައްވެސް ބާއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން