އަރިއަތޮޅު އުތުރުބުރީގެ 6 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.



މިދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އއ. ތޮއްޑޫއަށާއި، ރަސްދޫއަށާއި، އުކުޅަހަށާއި، މަތިވެރިއަށާއި، ބޮޑުފޮޅުދޫ އަދި ހިމެންދޫއަށެވެ.

މިރަށްތަކަށް ކުރައްވާ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަކި ވަކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ވިޔަފާރިވެރިންނާއި، ދަނޑުވެރިން އަދި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ އިތުރުން ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވައިލައްވައި ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނުގެ މިދަތުރުފުޅުގައި ތޮއްޑޫ ސްކޫލްގެ 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް ހުޅުއްވައިދެއްވައި އެރަށުގައި ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމް ހުޅުއްވައިދެއްވައި، ބޮޑުފޮޅުދޫ މިސްކިތް ހުޅުއްވައިދެއްވައި، ހިމެންދޫގެ ބަނދަރު ހުޅުއްވައިދެއްވުމުގެ އިތުރުން އެރަށުގައި ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު