އެންމެ ލަވައަކުން ގިނަބައެއްގެ ހިތް ދަމައިގެން ސްރީލަންކާގެ ޒުވާން ލަވަކިޔުންތެރިއާ ޔޮހާނީގެ "މަނިކޭ މަގޭ ހިތޭ"ގެ ޖާދޫގައި ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އަދި ފަސްޓްލޭޑީ އަޔޯމާ ރާޖަޕަކްސަވެސް ޖެހިވަޑައިގެންފިއެވެ.

ޔޮހާނީގެ އެ ރީތި އަޑު އައްސަވާލައްވާ ހިއްޕުޅުން ކެތްމަދުވެފައި ތިއްބެވި މި ދެމަފިރިކަނބަލުން ވަނީ ޔޮހާނީއަށް އެ ގެއަށް ދައުވަތު ދެއްވާފައެވެ. އެގޮތުން މި ދައުވަތު ގަބޫލުކޮށް ޔޮހާނީ ވަނީ އިއްޔެގެ ވަގުތެއްގައި އެ ދެމަފިރިކަނބަލުން ދިރިއުޅުއްވާ ގެއަށް ގޮސް އޭނާގެ ޖާދުވީ ރީތި އަޑުގައި ހުރި ޗާލުކަމާއި އޭނާގެ ލަވަކިއުމުގެ ކުޅަދާނަކަމާއި "މަނިކޭ މަގޭ ހިތޭ" ޖާދޫ ހަމަ ރަނގަޅަށް ދައްކާލާފައެވެ. މިހާރު މީސްމީޑިއާއަށް ދޫކޮށްލާފައިވާ ޔޮހާނީ ލަންކާގެ ރައީސްގެ ދެކަނބަލުންނާއެކު ހޭދަކޮށްލި ވަގުތުކޮޅުގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ހަލުވި ކަމާއެކު ދައުރުވަމުންނެވެ.

މި ވީޑިއޯއިން ފެންނަނީ ރާޖަޕަކްސަ އަދި ފަސްޓްލޭޑީ އަޔޯމާ ރާޖަޕަކްސައަށް، ޔޮހާނީ މަނިކޭ މަގޭ ހިތޭ ލަވަކިޔާދޭ މަންޒަރެވެ. އަދި ލަވަ އަޑުއައްސަވަން ތިއްބެވި އެ ދެމަފިރިކަނބަލުން ތިއްބެވީ ލަވައިގެ ހިތްގައިމުކަމުން ލަވައިގެ ތެރެއަށް ގެއްލިވަޑައިގެންފައިކަމަށްވެސް ލަންކާގެ މީޑިއާ ތަކުން ސިފަކޮށްފައިވެއެވެ.

ޔޮހާނީގެ މަނިކޭ މަގޭ ހިތޭ މި ލަވައިގެ އަވައިގައި ނުޖެހޭ މީހަކު މިހާރު މަދުވާނެއެވެ. އެންމެ ފަހުން ލަންކާގެ ރައީސާއި ފަސްޓް ލޭޑީއަށްވެސް މި ވަރެއް ނެތެވެ.

މަހެއްހާ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 9.1 މިލިއަން ވިއުސް ލިބިފައިވާ ޔޮހާނީގެ މި ލަވައަކީ ސިންހަޅަ ބަހުން ކިޔާފައިވާ ލަވައެކެވެ. މި ލަވައިގައި ކިޔާ އެއްޗެއް ގިނަ ބަޔަކަށް ނޭނގުނު ނަމަވެސް ޔޮހާނީގެ މި ލަވަ ވަނީ މުޅި ދުނިޔޭގެ ހިތް އަތުލާފައެވެ. މިކަމުގެ ސިއްރަކީ ޔޮހާނީއަށް ލިބިފައިވާ ލަވަކިޔުމުގެ ހުނަރާއި އޭނާގެ ރީތި ހިނިތުންވުން ކަމަށްވެސް ގިނަ ބައަކު ދެކެއެވެ.

ޔޯހާނީގެ "މަނިކޭ މަގޭ ހިތޭ" ގައި ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އިންޑިއާގެ ރައްޔިތުން ޖެހިފައިވާ މިންވަރު ފެނިގެން ދިޔައީ އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަދި މަޝްހޫރު ރިއަލިޓީ ޝޯ ބިގް ބޮސް ހުށައަޅައިދޭ ސަލްމާން ޚާންގެ ޚާއްޞަ ދައުވަތަކަށް ޔޮހާނީ އިންޑިއާއަށް ގެންގޮސް ބިގް ބޮސްގެ ޚާއްޞަ މެހެމާނެއްގެ ފުރުސަތު ދިނުމެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ފިލްމް އިންޑަސްޓްރީ އޮތް އިންޑިއާގެ އެންމެ މަގްބޫލު އެއް ޝޯގައި ޔޮހާނީއަށް "މަނިކޭ މަގޭ ހިތޭ" ކިޔާލުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް އިތުރު މަޝްހޫރުކަމެއް ލިބިގެންދާނެ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން