ފޯރިގަދަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓް ގަންނަން ހެދި ކިޔޫތަކާއެކު ދިވެހި ޓީމަށް ސަޕޯޓަރުންގެ އޮތް ލޯބި ދައްކާލައިފިއެވެ.

މާދަމާރޭ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓް ސޯޝަލް ސެންޓަރުން ވިއްކަން ފަށާފައިވަނީ މިއަދު ހެނދުނު 10:00 ގައެވެ. ނަމަވެސް ރޭ ނުވައެއް ޖެހީއްސުރެ ޓިކެޓް ގަންނަން ބައެއް މީހުން ތިބީ ކިއު ހަދައިގެންނެވެ.

މިއަދު ހެނދުނު ޓިކެޓް ވިއްކަން ފެށިއިރު، ދިވެހި ސަޕޯޓަރުންނަށް 3000 ޓިކެޓް އޮތީ ވިއްކަން ނިންމާފައެވެ. އަދި އޮތީ ކޮންމެ މީހަކަށް 2 ޓިކެޓް ވިއްކާ ގޮތަށެވެ.

ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވީ ‏ޓިކެޓު ވިއްކަން ފެށުމާއެކު ފުރަތަމަ ޓިކެޓު ގަތީ 18 ގަޑިއިރު ކުރިން ކިޔުގައި ޖެހުނު ހިތްވަރުގަދަ ސަޕޯޓަރެއްކަމަށެވެ.





ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗު އޮންނާނީ މާދަމާރެއެެވެ. މި މެޗުން އެއްވަރުވިޔަސް ރާއްޖެއަށް ފައިނަލުން ޖާގަ ލިބޭއިރު، އިންޑިއާއަށް ފައިނަލަށް ދިއުމަށް އޮތް ހަމައެކަނި މަގަކީ ރާއްޖެ އަތުން މޮޅެއް ހޯދުމެވެ.

ދިވެހި ގައުމީ ޓީމު ކުޅޭ މެޗަށް ޓިކެޓް ވިއްކުމަށް އައު އުސޫލެއް މިފަހަރު ހަމަޖައްސައި ވިއްކާ ޓިކެޓްގެ އަދަދު އިތުރުކުރީ އެންމެ ފަހުން ރާއްޖެ ކުޅުނު މެޗުގެ ޓިކެޓް މައްސަލައިގައި ސަޕޯޓަރުން ރުޅިގަދަވެ މައްސަލަ ހޫނުވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން