މި ބޮމުގެ ހަމަލާގައި މަރުވި މީހުން ގެންދާ މަންޒަރު
މި ބޮމުގެ ހަމަލާގައި މަރުވި މީހުން ގެންދާ މަންޒަރު
އަފްޣާނިސްތާނުގެ އަވަށެއް ކަމަށްވާ ކުންދޫޒްގެ، ޝިއާ މިސްކިތުގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާގައި 43 މީހުން މަރުވެއްޖެއެވެ.

މި ހަމަލާ ދީފައިވަނީ އިއްޔެ ހުކުރު ނަމާދު ވަގުތާ ދިމާކޮށެވެ. މި ހާދިސާގައި 43 މީހުން މަރުވެފައިވާއިރު، 143 މީހުންނަށް ވަނީ ތަފާތު އެކި އަނިޔާ ލިބިފައިކަމަށް އަފްޣާނިސްތާނުގެ ޕްރޮވިންސަލް ތަރުޖަމާން މަތީއުﷲ ވަނީ ވިދާޅުވެފައެވެ.

މި ހަމަލާއަކީ ކޮންބަޔަކު ދިން ހަމަލާއެއްކަން އަދި އެނގިފައިނުވާއިރު، މި ހާދިސާ ހިނގާދިޔަ ގޮތާއި، މި ހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް މަތީއުﷲ ވިދާޅުވިއެެވެ.

މި ހަމަލާއާ ގުޅިގެން އައިސިސްއިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި މިސްކިތުގައި ތިބި ވަގުތު ގޮވާޒާތުގެ ތަކެތި އެކުލެވޭ ވެސްޓެއް އަޅައިގެން ހުރި މީހަކު ދިޔަ ކަމަށް ބުނެފައި ވެއެވެ. މިއާއެކު ގިނަ ބަޔަކު އަންނަނީ މި ހަމަލާގައި އައިސިސްގެ އަތެއް ވާނެކަމަށް ތުހުމަތު ކުރަމުންނެވެ. އަދި އެޖަމާއަތަކީ ކުރިންވެސް މިފަދަ ހަމަލާތަކެއް ދީފައިވާ ބައެއްކަން ވެސް ފާހަގަކުރެވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ހަމަލާއަކީ ތާލިބާނުން އެގައުމާއި ހަވާލުވިފަހުން އެއް ހަފުތާގެ ތެރޭގައި ދިން ތިންވަނަ ނުރައްކާތެރި ހަމަލާއެވެ.

މި ހާދިސާއާ ގުޅިގެން ތާލިބާނުން ބުނެފައިވަނީ ހަމަލާ ދިން ވަގުތު ބާރު އަޑެއް އިވުނު ކަމަށާއި ހަމަލާގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ވެސް މީސްމީޑިއާގައި ދައުރުވަމުން އަންނަ ކަމަށެވެ. ދައުރުވަމުން އަންނަ ބައެއް ފޮޓޯތަކުންނާއި ވީޑިއޯތަކުން މީހުންނަށް ޒަހަމްވެފައިވާ މިންވަރު ވެސް ފެނިގެންދާނެކަމަށް ތާލިބާނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން