މަރިޔަމް ލައިޝާ   8 އޮކްޓޯބަރު 2021 - 14:38
ޝާހުރުކް ޚާންގެ ދަރިފުޅު އާރްޔާން ޚާންގެ ބަންދަށް 14 ދުވަސް އިތުރުކޮށްފިއެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި މިހިނގާ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އާރްޔަން ޚާން ހައްޔަރު ކުރުމަށްފަހު ހަތް ވަނަ ދުވަހާއި ހަމައަށް ބަންދުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެގޮތުން އިއްޔެ އޮތް އަޑު އެހުމުގައި އެ މުއްދަތު އަނެއްކާ ވެސް ކޯޓުން ވަނީ 14 ދުވަހަށް އިތުރު ކޮށްފައެވެ.

މިކަމާ ގުޅިގެން އަނެއްކާވެސް އޭނާގެ ލޯޔަރ ވަނީ ބެއިލްއަށް އެޕްލައި ކޮށްފައި ކަމަށާއި، މިކަމަށް މިއަދު ހެނދުނު ޖަވާބެއް ލިބޭނެކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

އެންސީބީއިން ހިންގި މި އޮޕަރޭޝަންގައި އާރްޔާން ޚާންގެ އިތުރުން ހައްޔަރު ކުރި ޖުމްލަ 17 މީހުންގެ ތެރެއިން، ހަތް މީހެއްގެ ބަންދަށް ވަނީ އިތުރު 14 ދުވަސް ޖަހާފައެވެ.

މީގެ އިތުރުން އާރްޔާން ޚާންގެ އަތުން މަސްތުވާތަކެތި ފެނިފައި ނުވި ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރުމަށާއި އެކަމުގެ މުލުގައި ތިބި ބަޔަކު ހޯދުމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭނެ ކަމަށް އެންސީބީއިން ވަނީ ބުނެފައެވެ.

ނަމަވެސް ކޯޓުގައި އާރްޔަންގެ ދިފާއުގައި ވަކާލާތު ކުރަމުން ލޯޔަރ ސަތީޝް ބުނެފައިވަނީ އެންސީބީގެ ބެލުމުގެ ދަށުގައު ހުރެ މިހާދުވަސް ވީއިރުވެސް މި ތަހުގީގަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށާއި، އާރްޔަންއާ ދެކޮޅަށް އެއްވެސް ހެއްކެއް ހުށައެޅިފައި ނުވާކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި އާރްޔާން ޚާން ހައްޔަރު ކުރުމުން، ބޮލީވުޑުގެ އެތައް ފަންނާނުންނެއް ދަނީ ޝާހުރުކް ޚާނާއި، ގައުރީ ޚާން އަދި އާރްޔަން ޚާންއަށް މި ދަތި ދަނޑިވަޅުގައި ހިތްވަރު ދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން