ފޯނުން ޔޫޓިއުބް އަޅުވާފައިވަނިކޮށް
ފޯނުން ޔޫޓިއުބް އަޅުވާފައިވަނިކޮށް
ކޯވިޑް ވެކްސިނާ ގުޅުންހުރި ސައްޙަ ނޫން މައުލޫމާތު ޔޫޓިއުބަށް ނުލެވޭގޮތަށް ހެދުމަށް ހަމަޖެހިފައިވާކަމަށް ޔޫޓިއުބުން ބުނެފިއެވެ.

ޔޫޓިއުބުން މިކަން ހާމަކޮށް، ނެރެފައިވާ ބަޔާނުގައި ވަނީ ވެކްސިނާ ގުޅޭގޮތުން ފަތުރާ ސައްޙަ ނޫން މަޢުލޫމާތުގެ ތެރޭގައި ވެކްސިން ހަދަން ބޭނުންކުރާ ތަކެއްޗާ ބެހޭގޮތުން ފަތުރާ މަޢުލޫމާތާއި، ވެކްސިން ޖެހުމަަކީ ސިއްޙަތަށް ގެއްލުންވާ ކަމެއް ކަމަށް ބުނެ ފަތުރާ މަޢުލޫމާތު ވެސް ޔޫޓިއުބުގައި އާންމު ނުކުރެވޭނެ ކަމަށެވެ. އަދި މިފަދަ މަޢުލޫމާތު ފަތުރާ ވީޑިއޯތައް ޔޫޓިއުބަށް ނުލެވޭ ގޮތް ހެދުމަށް މިހާރު ވަނީ ހަމަޖެހިފައިކަން ޔޫޓިއުބުން ނެރެފައިވާ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

އެގޮތުން ވެކްސިނާއި ދެކޮޅަށް ޔޫޓިއުބުގައި ވާހަކަދައްކަމުންދާ އެކްޓިވިސްޓުންނަށް ޔޫޓިއުބް ބޭނުންކުރުން މަނާކުރާނެ ކަމަށެވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މިހާތަނަށް މިފަދަ މަޢުލޫމާތު ފަތުރާފައިވާ 130،000 ވީޑިއޯއް ޔޫޓިއުބުން ނަގާފައިވާކަމަށްވެސް މި ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ޔޫޓިއުބުން މި ނިންމުން ނިންމާފައިވަނީ މިކަމުން މުޖުތަމައަށް ނޭދެވޭ އަސަރުތަކެއް ކުރާނެތީވެ، އެކަން އެގޮތަށް ވިޔަ ނުދިނުމަށް ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ. މީގެ އިތުރުން، ޔޫޓިޔުބުން މިގޮތަށް ނިންމާފައި މިވަނީ ސޯޝަލް މީޑިޔާގެ ބޮޑެތި ޕްލެޓްފޯމްތަކުގައި ވެކްސިނާ ދެކޮޅަށް ފަތުރާ ނުރަނގަޅު އަދި ސައްޙަ ނޫން މަޢުލޫމާތު ނުހުއްޓުވާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން