ޝާހިދް ކަޕޫރު ކުޅެފައިވާ ފިލްމު "ޖަބް ވީ މެޓް" އާއި "ކަބީރް ސިންގް" ގެ ތެރެއިން ޝާހިދަށް އެންމެ ކަމުދަނީ ފިލްމު "ކަބީރް ސިންގް" ކަމަށް އޭނާ ބުނެފިއެވެ.

ޝާހިދް ކަޕޫރު މިހެން ބުނެފައިވަނީ ޓްވިޓަރގައި އޭނާ ހުޅުވާލި ސުވާލާއި ޖަވާބު ސެޝަންގައި ފޭނަކު ކުރި ސުވާލެއްގައި މި ދެ ފިލްމުގެ ތެރެއިން އޭނާއަށް އެންމެ ކަމުދަނީ ކޮން ފިލްމެއްތޯ ކުރި ސުވާލަށް ޖަވާބުދެމުންނެވެ.

2007 ވަނަ އަހަރު ރިލީޒް ކުރި ޖަބް ވީ މެޓް އަކީ ކާމިޔާބު ފިލްމަކަށްވާއިރު، މި ފިލްމުގައި ޝާހިދު ކަޕޫރުގެ ތަފާތު ހިތްގައިމު ޕާފޯމަންސްތައް ފެނިގެން ދެއެވެ. އަދި ކަބީރް ސިންގަކީ މިހާރުގެ މުޖުތަމައުގެ ހާލަތު ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުން ދައްކުވައިދެނީ އޭނާގެ ލޯބިވެރިޔާ ހާސިލްކުރަން އުޅޭގޮތެވެ. މި ދެ ފިލްމު އަޅާކިޔާނަމަ ކަބީރު ސިންގް ވެގެންދާނީ މިހާތަނަށް ޝާހިދު ކަޕޫރު ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ހިޓް ފިލްމަށް ކަމަށް އޭނާގެ ގިނަ ފޭނުން ފާހަގަކޮށްފައިވެއެވެ. ހިންދީ ފިލްމު ކަބީރް ސިންްގް ރިލީޒްކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

މީގެ އިތުރުންވެސް ޓްވިޓަރގައި ހުޅުވާލި ބައެއް ސުވާލުތަކަށް ޝާހިދު ވަނީ ޖަވާބު ދީފައެވެ. މިގޮތުން ސަޗިން ޓެންޑުލްކަރަކީ އޭނާއަށް އެންމެ ކަމުދާ ކުރިކެޓު ކުޅުންތެރިޔާ ކަމަށާއި، މި އަހަރު ރިލީޒް ކުރާ ފިލްމް "ސޫރިޔަވަންޝީ" ސިނަމާގައި ބޮޑު ސްކީނުން ބަލާލަން ބޭނުންވާ ކަމަށާއި، ރިތިކް ރޯޝަނަކީ އޭނާއަށް ވަރަށް ކަމުދާ އެކްޓަރެއް ކަމަށް ޝާހިދު ބުނެފައިވެއެވެ.

2003 ވަނަ އަހަރު ހިންދީ ފިލްމު އިޝްގް ވިޝްކުން ފިލްމީ ދާއިރާއަށް ތަޢާރަފްވެގެންދިޔަ ޝާހިދް ކަޕޫރު ދެން ފެނިގެންދާނީ ޑިސެމްބަރު މަހު 31 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ޖަރޒީ" އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން