ޔަޝް ރާޖް ފިލްމް ޕްރޮޑަކްޝަނުން އުފައްދާ ހަތަރު ފިލްމެއް ރިލީޒް ކުރާ ތާރީޚުތައް އެކުންފުނިން ހާމަކޮށްފިއެވެ.

ޔަޝް ރާޖް ފިލްމް ޕްރޮޑަކްޝަނުން 4 ފިލްމެއް ރިލީޒްކުރަން ވަނީ ނިންމާފައެވެ. މިއީ އޮކްޓޯބަރ 22 ވަނަ ދުވަހު ސިނަމާތައް ހުޅުވާލާތީ ނިންމި ނިންމުމެއްކަން ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މި 4 ފިލްމުގެ ތެރެއިން އެންމެ ފުރަތަމަ ފެންނާނީ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރާ "ބަންޓީ އޯރ ބަބްލީ" ގެ ދެވަނަ ބައިކަމަށް ޔަޝް ރާޖް ފިލްމް ޕްރޮޑަކްޝަނުން ވަނީ ބުނެފައެވެ. މި ފިލްމުގެ ތަރިންނަކީ ސިދާންތު ޗަޓުރްވޭޑީ އާއި ޝަރްވަރީއެވެ. ރާނީ މުކަރްޖީ އަދި ސައިފް އަލީ ޚާންގެ "ސްޕެޝަލް އެޕިއަރަންސް" އެއް މި ފިލްމުން ފެނިގެން ދާނެކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

މި ކުންފުނިން ދެވަނައަށް ރިލީޒްކުރާ ފިލްމަކީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ޕްރިތްވީރާޖް" އެވެ. މި ފިލްމުގައި އަކްޝޭ ކުމާރް، މަނޫޝީ ޗިލަރ، ސަންޖޭ ދަތު އަދި ސޯނޫ ސޫދު ފެނިގެންދާނެކަމަށް ޔަޝް ރާޖް ފިލްމް ޕްރޮޑަކްޝަނުން ހާމަކޮށްފައިވެއެވެ.

ތިންވަނައަށް އެ ކުންފުނިން ރިލީޒްކުރާ ފިލްމަކީ "ޖާޔޭސް ބާއި ޖޮރދާރ" އެވެ. މި ފިލްމު ރިލީޒްކުރާން ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. މި ފިލްމުގައި ރަންވީރް ސިންގް އަދި ޝާލިނީ ޕާންޑޭ ލީޑް ރޯލުން ފެނިގެންދާނެއެވެ.

ހަތަރުވަނައަށް ރިލީޒް ކުރާ "ޝަމްޝެރާ" ރިލީޒްކުރަން ހަމަޖެހިފައިވަނީ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. މި ފިލްމުން ރަންބީރ ކަޕޫރް، ވާނީ ކަޕޫރް އަދި ސަންޖޭ ދަތު ފެނިގެންދާނެއެވެ.

ޔަޝް ރާޖް ފިލްމް ޕްރޮޑަކްޝަން ކުންފުންޏަކީ މިހާތަނަށް ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދެމުން އަންނަ، އިންޑިއާގެ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ސްޓޫޑިއޯއެކެވެ. މި ކުންފުނީގެ ގިނަ ފިލްމުތަކެއް ރިލީޒްކުރުން ފަސްކޮށްފައިވަނީ ކޮވިޑާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން