އިސްމާއިލް ޔާސިފް
އިސްމާއިލް ޔާސިފް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި އިސްމާޢީލް ޔާސިފް ކްރިމިނަލް ކޯޓުގައިވެސް ރައީސް ނަޝީދު މަރާލާނެ ކަމަށް ބުނުމުން އެއް މަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފިއެވެ.

ޔާސިފްގެ ބަންދު މުއްދަތު ޖެހުމަށް މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ޔާސިފް ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އެހެންކަމުން ޔާސިފްގެ އެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ގާޒީ ވަނީ އޭނާ އެއް މަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ.

މީގެ ކުރިން އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްފައި ވަނިކޮށް އޭނާ ކުރި އަމަލެއްގެ ސަބަބުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ ވަނީ 15 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ.

ޔާސިފް ވަނީ، ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތާޢީދު ކުރަށްވާނީ ބަރުލަމާނީ ނިޒާމަށް ތާޢީދު ކުރާ ފަރާތްތަކަށް ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ރައީސް ނަޝީދު ހިއްސާކޮށްފައިވާ ޕޯސްޓަކަށް ކޮމެންޓުކޮށް މަރުގެ އިންޒާރު ދީފައެވެ.

އައިސިސްގެ ދިދަ އާއި ކަނޑިއަކާއެކު އެ ކޮމެންޓު ކުރި މީހާ ވަނީ ރައީސް ނަޝީދު "ދެން ރާއްޖެ އައިސްފިނަ ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދިގޮތް ހަދާނެ" ކަމަށް ބުނެފައެވެ. އަދި ހައެއް މެއި ގައި ކަންވީގޮތަށްވުރެ، ދެން ކުރިމަތިވާ ކަންތައް ހިތިވާނެ ކަމަށް އެމީހާ ވަނީ ބުނެފައެވެ.

ޔާސިފް ހައްޔަރުކުރީ މިމައްސަލައިގެ ތުހުމަތުގައެވެ.

ފުލުހުން ބުނީ އެމައްސަލަ މިހާރު އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން