ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޛު ހުސެއިން ޝަމީމް
ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޛު ހުސެއިން ޝަމީމް
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިނގަމުންދާ ޝަރީޢަތުގައި ދިވެހިރާއްޖެއަށް މައްސަލަ ބެލުމުގެ އިޚްޠިޞާޞް ނުލިބޭނެ ކަމަށް ބައްސާމްގެ ފަރާތުން ނަގާ ދިފާޢަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމް ތަފްޞީލީ ރައްދެއް ދެއްވައިފިއެވެ.

އެ މައްސަލާގައި ޝަމީމް އޭނާގެ ބްލޮގްގައި ޢާއްމު ކުރެއްވި ދިރާސާގައި ވިދާޅުވީ ފީފާއިން އެފްއޭއެމްއަށް ދޭ ފައިސާއަކީ ދިވެހި ފުޓުބޯޅަ ތަރައްޤީކުރުމަށް ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާ ކަމަށާއި، އެހެންކަމުން މިފަދަ ކޮރަޕްޝަންގެ މައްސަލައެއް ބެލުމުގެ ސަބަބުން ފީފާއިން ރާއްޖެ ސަސްޕެންޑް ނުކުރާނެ ކަމަށެވެ.

ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދަޢުވާ އުފުލުނީ ޝަމީމް ޕީޖީ ކަމުގައި ހުންނެވި ދުވަސްވަރު ފުލުހުންގެ ތަޙްޤީޤުގެ މައްޗަށް ބިނާކޮށެވެ. މިމައްސަލަ ޝަރީޢަތަށް ހުށަހެޅުމާ ގުޅިގެން، ފީފާގެ ފައިސާގެ މައްސަލަ ދިވެހިރާއްޖޭގެ އިދާރާތަކަށް ނުބެލޭނެ ކަމަށާއި، އެ މައްސަލަ ބަލައިފިނަމަ ފީފާއިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް ބައްސާމްގެ ފަރާތުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ނަމަވެސް ޝަމީމް ވިދާޅުވީ، ޤާނޫނުލްޢުޤޫބާތުގެ 13 ވަނަ މާއްދާ (ޤާނޫނުގެ ބާރު ހިނގާ ދާއިރާ) ގައި ބުނާގޮތުން، ކުށެއްގެ ރުކުނެއް ދިވެހިރާއްޖޭގައި ހިނގާ ހިނދު އެކުށަކަށް ރާއްޖޭގެ ޤާނޫނުގެ އިޚްޠިޞާޞް ލިބޭނެ ކަމަށެވެ. މިހާލަތުގައި، ޚިޔާނާތުގެ ޢަމަލު ހިނގީ ރާއްޖޭގައި ކަމަށްވުމުން، ދިވެހިރާއްޖެއަށް މިމައްސަލަ ބެލުމުގެ ބާރު ލިބޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އަދި ދިވެހިރައްޔިތަކު ނުވަތަ ދިވެހިރާއްޖޭގައި ދިރިއުޅޭ މީހަކު ކުރާ ކުށް، ކޮންމެ ތަނެއްގައި ކުރިކަމަށްވީ ނަމަވެސް، ބެލުމުގެ ބާރު ދިވެހިރާއްޖޭގެ އިދާރާތަކަށް ލިބޭނެ ކަމަށް ޤާނޫނުގައިވާކަން ޝަމީމް ފާހަގަކުރެއްވިއެވެ. އަދި މިފައިސާއަކީ ފީފާގެ ފައިސާ ކަމަށްވުމުން، ފީފާގެ ހުއްދަނެތި މިމައްސަލަ ނުބެލޭނެ ކަމަށް ބައްސާމް ނަގާ ދިފާޢަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، ފީފާގެ އަސާސީ ޤަވާޢިދުތަކުގެ ދަށުން ކޮންމެ ޤައުމަކުން ފީފާގެ މެންބަރަކަށް ވެވެނީ އެންމެ ޖަމްޢިއްޔާއަކަށް ކަމަށާއި، ރާއްޖޭގައި އެ ދައުރު އޮތީ އެފްއޭއެމްއަށް ކަމަށެވެ.

އެފްއޭއެމްއަށް އެ ދައުރު ލިބުނީ ސަރުކާރުގެ ހުއްދައާއެކުކަން ފާހަގަ ކުރަށްވަމުން ޝަމީމް ވިދާޅުވެފައިވަނީ، ފީފާ މެދުވެރިކޮށް ލިބުނަސް، ނުވަތަ އެނޫން ޖަމްޢިއްޔާއެއް މެދުވެރިކޮށް ލިބުނަސް، އެ ފައިސާއަކީ ޙަޤީޤަތުގައި ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާ ކަމަށެވެ.

"އެފައިސާގެ އަމާނާތްތެރިއަކީ ފީފާއާއި އެފްއޭއެމްއެވެ. ޚިޔާނަތްތެރިވެވެނީ އެފައިސާއަށެވެ. އެއީ ދިވެހި ރައްޔިތުންގެ ޙައްޤަކަށެވެ." ޝަމީމް ވިދާޅުވިއެވެ.

އޭގެއިތުރުން ކޮރަޕްޝަންގެ މައްސަލައެއް ބަލައިގެން ފީފާއިން އެއްވެސް ޤައުމެއް ސަސްޕެންޑް ކޮށްފައިނުވާ ކަމަށާއި، ރާއްޖެއަށް ފީފާގެ ސަސްޕެންޝަނެއްގެ ބިރު ނެތީ އެ ސަބަބަށްޓަކައި ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު