ފޭދޫ ފަރަށް އެރި އާގުބޯޓު
ފޭދޫ ފަރަށް އެރި އާގުބޯޓު
މޫސުން ގޯސްވުމާއި ގުޅިގެން ޓަގު ބޯޓަކާއި ތެޔޮ ބޯޓެއް މިއަދު ފަރަށް އަރައިފިއެވެ.

މި ހާދިސާތަކާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ މޫށުން ގޯސްވުމުގެ ސަބަބުން މިއަދު ހެނދުނު 9:52 ހާއިރު "މެރީނާ - 1301" ކިޔާ ޓަގު ބޯޓެއް ފަރަށް އަރާފައިވާ ކަމަށާއި، މި ޓަގު ބޯޓު ފަރަށް އެރީ ނަގިލި ކަނޑައިގެން ދިއުމުންކަމަށެވެ. މި ޓަގު ބޯޓު އެރީ ފޭދޫ ފިނޮޅު ފަރަށް ކަމަށާއި، މި ޓަގު ބޯޓުގައި އިންޑޮނޭޝިއާއަށް ނިސްބަތްވާ ނުވަ މީހުން ތިބިކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މީގެއިތުރުން، މިއަދު ހެނދުނު 9:35 ހާއިރު ތެޔޮ ބޯޓެއް ވެސް ވަނީ ފަރަށް އަރާފައެވެ. އެއީ "ޓްރާންސްޕޯޓް ފިއުލް-09" ކިޔާ ތެޔޮ ބޯޓެކެވެ. މި ތެޔޮ ބޯޓު ފަރަށް އަރާފައިވަނީ ވިލިމާލެ ސަރަހައްދު ހުޅަނގުފަރާތުންނެވެ. މި ބޯޓުވެސް ފަރަށް އަރާފައިވަނީ ނަގިލި ކަނޑައިގެން ދިއުމުންކަމަށާއި، މި ބޯޓުގައި އޭރު ތިބީ ލަންކާ މީހަކާއި ބަންގްލަދޭޝް ދެ މީހުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ތެޔޮ ބޯޓު މިހާރު ވަނީ އެހެން ޓަގުބޯޓެއްގެ އެހީގައި ފުންކޮށްފައެވެ.

މޫސުން ގޯސްވެ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކޮށް ބައެއް ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންދާއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ވައިގަދަވުމާ ގުޅިގެން ކަނޑުގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދީފައި ވެއެވެ.

އެގޮތުން މި ވިއްސާރަ މޫސުމުގައި ކަނޑުމަތީގެ ހާދިސާތައް އިތުރުވެދާނެތީ ދަތުރުކުރުމުގައި މޫސުމަށް ސަމާލުވެ، މޫސުމާބެހޭ ފުރިހަމަ މަޢުލޫމާތު ހޯދައިގެން ދަތުރަށް ނުކުތުމާއި، ދަތުރަށް ނުކުންނައިރު ސަލާމަތީ ވަސީލަތްތައް ހަމަކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން އަޅާފައި ހުންނަ އޮޑި ދޯނިފަހަރަށް ވެސް ސަމާލުކަންދީ ބެލެހެއްޓުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން