ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަކީ ބައެއް ފަހަރު ވަރަށް ނުސީދާކޮށް ވާހަކަފުޅުދައްކަވާ ބޭފުޅެކެވެ. ވިދާޅުވާން ބޭނުންފުޅުވާ އެއްޗެއް ވަކި މީހަކަށް އަމާޒުނުކޮށް ވަރަށް ރީތިކޮށް ވިދާޅުވެއެވެ. އެގޮތުން "ނުފޫޒު"ގެ ނަމުގައި މިދިޔަ ހުކުރު ދުވަހު ލިޔުއްވި މަޒުމޫނެއްގައި "ނުފޫޒު" އަކީ ކޮބައިކަން ވަރަށް ރަނގަޅަށް ޝަމީމް ވަނީ ވިދާޅުވެދެއްވާފައެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ބޭފުޅާއަށްވުމުން ނުފޫޒުގެ ވާހަކަދައްކަވަން ޝަމީމަކީ ވަރަށްވެސް ރަނގަޅު އެކަށީގެންވާ ވެސް ބޭފުޅެކެވެ.

ޝަމީމް ވިދާޅުވީ ދިވެހި ބަހުގެ ރަދީފުގައި “ނުފޫޒު” މާނަކޮށްދީފައިވަނީ، "މުދަލުގެ ގޮތުންނާއި ބަހުގެ ގޮތުން އެހެން މީހުންގެ މައްޗަށް ފޯރުވާ ބާރު" ގެ ގޮތުގައިކަމަށެވެ. ނުފޫޒަކީ، ނިއުޓްރަލް ބަހެއް ނަމަވެސް، އެބަސް ބޭނުންކުރެވޭ ގޮތަކުން، އީޖާބީކޮށް (ޕޮޒިޓިވްކޮށް) ނުވަތަ ސަލްބީކޮށް (ނެގެޓިވްކޮށް) ވެސް ބޭނުންކުރެވިދާނެކަމަށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް، ވަރަށް ގިނަ ފަހަރު، ނުފޫޒަކީ ސަލްބީކޮށް މާނަކުރެވޭ ބަހެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމްގެ މަޒްމޫނުގައި ނުފޫޒަކީ ކޮބައިކަން ވަރަށް ތަފްސީލްކޮށް ވިދާޅުވެދެއްވަމުން ވިދާޅުވީ، ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާއިރު، އަދި އެމަނިކުފާނު މިވަގުތު އަދާކުރަން ޖެހިފައިވާ ވަޒީފާގެ ގޮތުން ވަރަށް ގިނަ މީހުން ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށެވެ. ޝަމީމް ވިދާޅުވީ އެކަން ހިނގާނީވެސް އެގޮތަށްކަމަށާއި، ނަމަވެސް ހުރިހާ ނުފޫޒަކީ ނުރަނގަޅު ނުފޫޒެއްވެސް ނޫންކަމަށެވެ. އަދި އެ ނުފޫޒަށް ބާރު ލިބެނީ އެނުފޫޒަކަށް އެމީހަކު ލެނބޭނަމަކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

"ނުފޫޒު ފޯރުވުމަކީ ކޮންމެ ފަހަރަކު ކުށެއްވެސް ނޫނެވެ. އަޅުގަނޑުވެސް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމެވެ. މިސާލަކަށް، ގަޑިއަށް ފަރުވާތެރިވުމުގެ ސަޤާފަތެއް ދައުލަތުގެ ތެރޭގައި އާލާކޮށް ދިރުވުމަށް އަޅުގަނޑު ހަމަ ޤަޞްދުގައި ނުފޫޒު ފޯރުވަމެވެ. އެކަމަށް އެކި އެކި ސްޓްރެޓެޖީތައް ހަދައި، ތަންފީޒުވެސް ކުރަމެވެ." ޝަމީމް ވިދާޅުވިއެވެ.

ނުފޫޒު ފޯރުވުމުގެ މިސާލު ދައްކަވަމުން ޝަމީމް ވަނީ ތަފާތު މިސާލުތައް ޖައްސަވާފައެވެ.

"ވިކްޓަރީއާއި ނިއުރޭޑިއަންޓު، 80 އާއި 90 ގެ އަހަރުތަކުގައި، ފުޓުބޯޅަ ކުޅޭއިރު، ނިއުރޭޑިއަންޓު ސަޕޯޓަރުން ވިކްޓްރީގެ ގޯލް ކީޕަރާއި ޑިފެންޑަރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއެވެ. ނަމަވެސް، ނިއުރޭޑިއަންޓުގެ ސަޕޯޓަރުން ފޯރުވާ ނުފޫޒު، ދޮންބިލެތް އަޙްމަދު ޙަލީމަކަށް، މަޢުރޫފް އަޙްމަދަކަށް ނުފޯރައެވެ. އެއީ، އެކުޅުންތެރިންނަކީ އެފަދަ ކަމަކުން އަސަރެއް ކުރާ ވަރަށްވުރެ ކުޅަދާނަ، ފުރާ ފުރިހަމަވެފައިތިބި ކުޅުންތެރިންނަށް ވާތީއެވެ. ތަޖުރިބާގެ ގޮތުންނާއި ފަންނީ ގޮތުންމެއެވެ. ދޮންބިލެތް އަޙްމަދު ޖަހަނީ އޭނާގެ ޓީމުން ބޭނުންވާ ގޮތަށެވެ. ބާރަށް ވިއްޔާ ބާރަށެވެ. މަޑުން ވިއްޔާ މަޑުންނެވެ. ނިއުރޭޑިއަންޓުގެ ސަޕޯޓަރުން ބޭނުންވާ ވަރަކަށް ނޫނެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެމަނިކުފާނަކީ، އެމަނކުފާނުގެ މަސައްކަތުގައި ދޮންބިލެތް އަޙްމަދު ޙަލީމްކަމަށެވެ. އެގޮތުން މީހަކު ފޮނުވާ ސިޓީއަކުން، ޖަހާ ޓުވީޓަކުން، ލިޔާ މަޒުމޫނަކުން، ދައްކާ ވާހަކައަކުން، ކިޔާ އަނހާ ހުތަކުން، މަސައްކަތުގެ ދާއިރާގައި ކުރަންޖެހޭ ކަމަކަށް ނުވަތަ ނުކޮށް ދޫކޮށްލަންޖެހޭ ކަމަކަށް އަސަރެއް ނުކުރާނެކަމަށް ޝަމީމް ވިދާޅުވިއެވެ.





"ނުފޫޒު ފޯރުވަން ކުރާ މަސައްކަތުގެ ތެރޭގައި "ސްމޫތުކޮށް އޮޕަރޭޓް" ކުރުމުގެ ޤާބިލުކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އެބަހުއްޓެވެ. އެޤާބިލުކަން ކުޑަވާ ހިސާބުން، އަޅުގަނޑު ވިކްޓަރީއަށް ކުޅުން ހުއްޓާލާފައި ދެން ކުޅޭނީ ދެވަނަ ޑިވިޒަނުގައެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމުގެ މިވާހަކަތައް ތަފާތު ގޮތް ގޮތަށް މާނަ ކުރެވިދާނެއެވެ. އެގޮތުން އެވިދާޅުވާ އެއްވާހަކައަކީ އޭނާއަށް ވެސް އޭނާ އެހުންނެވި މަގާމުގެ ގޮތުން ނުފޫޒު ފޯރިވާނެ ކަމެވެ. އެ ނުފޫޒަކީ އޭނާއަށް އެމަގާމު ދެއްވި ފަރާތުގެ ނުފޫޒުކަމުގައި ވިޔަސް ޝަމީމު ވިދާޅުވާ ގޮތުން އޭނާ އެނުފޫޒު ނަންގަވަން ޖެހެނީ އީޖާބީ ކޮށެވެ. ދެން އޮތީ ވިކްޓަރީގެ ވާހަކައެވެ. ޝަމީމު ވިދާޅުވިއަސް އޭރު ދޮންބިލެތް ބެކުން، ގޯލް ކައިރީގައި ބައިންދާފައި ދަނޑު ތެރެއަށް ބޮޑުބޯޅަ ޖަހާލާއިރު ނިއުރޭޑުއެންޓް ސަޕޯޓަރުން އެއްއަޑަކުން ހަޅޭއްލަވާ ލުމުން ރޭރުވެގެން ބޭރަށް ވެސް ޖެހޭތަން އާދެއެވެ. އަދި އެގޮތަށް ހަޅޭއްލަވައިގަތުމުން މާއްޓޭވެސް ބައެއް ފަހަރު ރޭރުވާގޮތް ވާކަމަށް ބުނާތީ އަޑު އިވެއެވެ. ފަހަރެއްގައި ދޮންބިލެތާއި މާއްޓޭމެންގެ ދުވަސްވަރު ގޯލް ކުރިމަތީގައި ބާއްވާފައި އިދިކޮޅު ޓީމުގެ ކޮޅަށް ބާރަށް، މައްޗަށް ބޮޑުބޯޅަ ޖަހައިގެން ކުޅުނު ދުވަސްވަރު ޝަމީމު އަދި އުފަން ނުވަނީއެވެ. ނޫނީ ދަނޑަށް ކުޅިބައްލަވަން ވަޑައިގަންނަ ވަރަށްވުރެ ތުއްޕުޅު ވީމާ އެތަން ފެނިވަޑައިގެންފައި ނެތީއެވެ.

ދެން އެއްވަނަ ޑިވިޒަންގައި ހިފަހައްޓައި ނުލެވިއްޖެއްޔާ ދެވަނަ ޑިވިޒަނަށް ކުޅުއްވާނެ ވާހަކަ މާނަކުރާނެ ވެސް ކިތަންމެ ގޮތެކެވެ. މިހާރުގެ ސިޔާސީ މަޝްރަހަށް ބަލާއިރު އެއްވަނަ ޑިވިޒަންގައި ތިބީ އެމްޑީޕީއާއި ޕީޕީއެމް ކަމުގައި ސިފަކުރެވިދާނެއެވެ. އެހެންވީމާ ޝަމީމު މިހާރު އެކުޅުއްވަނީ އެއްވަނަ ޑިވިޒަނަށެވެ. ދެވަނަ ޑިވިޒަނަށް ރެލިގޭޓް ވާނީ އެއްވަނަ ޑިވިޒަންގައި ހިފަހައްޓާ ނުލެވޭވަރުވީމައެވެ. ހަމަގައިމުވެސް ޝަމީމުގެ ތަޖުރިބާއާއި ތަޢުލީމީ ގާބިލުކަން ނެތިގެން ރެލިގޭޓެއް ނުވާނެއެވެ. ދެވަނަ ޑިވިޒަނަށް ރެލިގޭޓްވަންޏާ ވާނީ އެވިދާޅުވާ ނުފޫޒާހެދި ހިފަހައްޓާ ނުލެވިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން