ބްރެޒިލްއާއި އާޖެންޓީނާ ކުރިމަތިލީ މެޗު ހުއްޓުވަން ސިއްހީ އޮފިޝަލުންނާއި ފުލުހުން ދަނޑަށް އެރުން
ބްރެޒިލްއާއި އާޖެންޓީނާ ކުރިމަތިލީ މެޗު ހުއްޓުވަން ސިއްހީ އޮފިޝަލުންނާއި ފުލުހުން ދަނޑަށް އެރުން
ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާގެ ކޮލިފައިންގައި ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މެޗު ސިއްހީ އޮފިޝަލުންނާއި ފުލުހުން ދަނޑަށް އަރައި ހުއްޓުވައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ބްރެޒިލުގައި ކުރިއަށްދިޔަ މި މެޗު ފެށިތާ ގާތްގަނޑަކަށް ފަސް މިނެޓު ތެރޭގައި އޮފިޝަލުން ވަނީ ދަނޑަށް އަރާފައެވެ. ފުލުހުންނާއެކު އޮފިޝަލުން ދަނޑަށް އެރީ ބްރެޒިލާއި ދެކޮޅަށް މެޗު ކުޅެން ނުކުތް އާޖެންޓީނާ ޓީމުގައި ބްރެޒިލްގެ ކަރަންޓީން އުސޫލާ ޚިލާފުވެފައިވާ ހަތަރު ކުޅުންތެރިއަކު ތިބުމާ ގުޅިގެންނެވެ.

ކަރަންޓީނު އުސޫލާ ހިލާފުވެފައިވާ ކުޅުންތެރިންނަކީ ޖިއޮވާނީ ލޮ ސެލްސޯ އާއި، ކްރިސްޓިއަން ރޮމޭރޯ އާއި، އެމިލިއާނޯ މާޓީނޭޒް އަދި އެމީ ބުއެންޑީއާއެވެ. މީގެ ތެރެއިން ލޮ ސެލްސޯ އާއި، ރޮމޭރޯ އަދި މާޓީނޭޒް އަކީ އާޖެންޓީނާގެ ފުރަތަމަ އެގާރައިގައި ހިމެނޭ ތިން ކުޅުންތެރިންނެވެ. އެހެންކަމުން ބްރެޒިލްގެ ސިއްހީ އޮފިޝަލުން ވަނީ އާޖެންޓީނާގެ އެ ހަތަރު ކުޅުންތެރިން ބްރެޒިލުގެ ސިއްހީ ގަވާއިދުތަކާ ޚިލާފުވި ކަމަށް ނިންމާފައެވެ.

ސިއްހީ އޮފިޝަލުން ދަނޑަށް އަރައި މެޗު ހުއްޓުވާފައިވާއިރު، ބްރެޒިލްގެ ކަރަންޓީން އުސޫލާ ޚިލާފުވި ކުޅުންތެރިން ވަނީ ޓީމާ އެކަހެރިކޮށްފައެވެ. އެހެންކަމުން އާޖެންޓީނާގެ މުޅި ޓީމު ވަނީ ދަނޑުން ފައިބައިފައެވެ. އަދި މެޗު ކުރިއަށްގެންދެވޭތޯ ދެ ޓީމުގެ ކޯޗުންނާއި އޮފިޝަލުން މަޝްވަރާކުރި ނަމަވެސް، ފަހުން ވަނީ މެޗު ސަސްޕެންޑް ކުރުމަށް ނިންމާފައެވެ.

ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މެޗުގައި ހިނގާދިޔަ ކަންތައްތަކާ ބެހޭގޮތުން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީއަށް މެޗު ކޮމިޝަނަރާއި ރެފުރީ ރިޕޯޓެއް ހުށަހަޅާނެ ކަމަށާއި، ދެން ކުރިއަށްދާނެ ގޮތެއް ނިންމާނީ އެ އިދާރާއިން ކަމަށެވެ. އެހެންކަމުން މެޗު ސަސްޕެންޑްކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން