މިހިނގާ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުން ފެށިގެން އިނގިރޭސި ސިފައިންގެ ލަޝްކަރުގެ އެހީގައި ހަތަރު ހާހެއްހާ މީހުން އަފްޣާނިސްތާނުން ބާލައިފިއެވެ.

އިނގިރޭސި ޑިފެންސް މިނިސްޓްރީއާއި ހަވާލާދީ މީޑިއާ ތަކުން ބުނެފައި ވަނީ މީގެތެރޭގައި އަފްޣާނިސްތާނުން ބޭރުވާން ބޭނުންވާ އެގައުމުގެ އާންމު ރައްޔިތުންނާ އިނގިރޭސި ރައްޔިތުންނާ އެމްބަސީތަކުގައި މަސައްކަތްކުރާ މީހުންނާއި އެކިއެކި ދާއިރާ ތަކުގައި މަސައްކަތްކުރާ ޑިޕްލޮމެޓުންނާއި މުވައްޒަފުން ހިމެނެއެވެ. އިނގިރޭސިން އެހީގައި އަފްޣާނިސްތާނުން ބާލާފައިވަނީ އަފްޣާން ރިލޮކޭޝަން އެންޑް އެސިސްޓެންސް ޕޮލިސީއަށް ފެތޭ މީހުންނެވެ.

ނަމަވެސް މިހާރު އޮތް ބިރަނީ މިހިނގާ އޮގަސްޓް މަހުގެ 31 ގެ ނިޔަލަށް އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ބަލާ ނިމޭއިރު އޭ އާރް އޭ ޕީ ގެ ދަށުން ބާލަން ޖެހޭ އެންމެން ބާލާ ނުނިމޭނެތީ ކަމަށް އިނގިރޭސި ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ. އިނގިރޭސި ޑިފެންސް މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ކޮންމެހެން ގައުމުން ބާލަން ޖެހޭ މީހުން އެދުވަހާއި ހަމައަށް އަފްޣާނިސްތާނުން ބާލައި ނިންމާލެވޭތޯއެވެ.

އިނގިރޭސި ޑިފެންސް ސެކްރެޓަރީ ބެން ވަލަސް ވިދާޅުވެފައިވަނީ މިމަހުގެ ނިޔަލަށް އަފްޣާނިސްތާނުން ބާލަން ޖެހޭ އެންމެން ބާލާ ނިންމުމަކީ އެއްވެސް ގައުމަކަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

"މިއީ ވަރަށް ހިތާމަހުރި ކަމެއް. އަފްޣާނިސްތާނުން ބާލަން ޖެހޭ އެންމެން ބޭލުމަކީ ނޭޓޯގެ އެއްވެސް ގައުމަކަށް ކުޅަދާނަ ކަމެއް ނޫން. ނޭޓޯވެސް އަދި އެހެން ގައުމަކުން ވެސް ނޭދޭނެ 20 އަހަރުގެ ތެރޭގައި ވީ ގުރުބާނީ މިފަދަ ގޮތަކަށް ނިމިގެން ދާކަށް." ކެބިނެޓް މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް ސެކްރެޓަރީ ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި އެންމެން ނުބޭލުނު ނަމަވެސް ވީހާ ވެސް ގިނަ ބަޔަކު ބާލާ ނިންމޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އަފްޣާނިސްތާނުގައި ތިބި ސިފައިން ކަނޑައެޅިފައިވާ ތާރީޚުގައި ފައިބައިގެން ދިޔަ ނަމަވެސް އެތާރީޚާއި ހަމައަށް އެގައުމުން ނުބޭލި ތިބި މީހުން ބޭލުމުގެ މަސައްކަތް އިނގިރޭސި ވިލާތުން ހުއްޓައެއް ނުލާނެއެވެ.

"އަހަރެމެން ވަޢުދުވެފައިވާ ފަދައިން އަފްޣާނިސްތާނު ދޫކޮށްދާން ބޭނުން މީހުން އެގައުމުން ބާލައި ރެފިއުޖީ ކޭޕްމްތައް ގާއިމުކޮށް އެމީހުންނަށް އެތަންތަނުގައި އުޅެވޭނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތް ހުއްޓައެއް ނުލާނަން." ޑިފެންސް ސެކްރެޓަރީ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގައި ހުންނަ އެމެރިކާ އެމްބަސީން ވަނީ ސަލާމަތީ ސަބަބު ތަކަށްޓަކާ އަންހެނުން ކާބުލްގެ ވައިގެ ބަނދަރަށް ވަންނަން އެސަރަހައްދަށް ނުދިއުމަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން