ޠާލިބާން ޖަމާއަތުން އަފްޣާން ފަތަހަކޮށް އެމީހުންގެ ބާރުގެ ދަށަށް ގައުމުގެ ވެރިކަން ގެނައުމުން ބިރުން ގައުމުދޫކޮށް ފިލަންދާ ގިނަ ބަޔަކު އެމެރިކާގެ އަސްކަރީ މަތިންދާބޯޓް ތަކަށް އަރާ ފުރާލައިފިއެވެ.

ކާބުލްގެ ވައިގެ ބަނދަރުން ފުރަން ތައްޔާރުވެފައި އޮތް އެމެރިކާގެ އަސްކަރީ މަތިންދާބޯޓު، ސީ-17 ގްލޯބް މާސްޓަރަށް އެއަރޕޯޓުގައި ތޮއްޖެހިފައި ތިބި އެތައް ހާސް މީހުންގެ ތެރެއިން 871 މީހަކު އަރައިގަތް ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ބޯޓު ކާބުލްގެ ވައިގެ ބަންދަރުން ނައްޓާލީ އަރައިގަތް މީހުންގެ ތެރެއިން 640 މީހުން ގޮވައިގެން ކަމަށް ޚަބަރުތައް ބުނެއެވެ. މިއީ އެ ބޯޓުގައި އާންމުކޮށް މީހުން އުފުލާ އަދަދަށްވުރެ ފަސް ގުނަ އިތުރު އަދަދެކެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ރިޕޯޓްތައް ބުނާ ގޮތުގައި މިއީ އެމެރިކާގެ އަސްކަރިއްޔާގެ ކާގޯ ބޯޓު، ސީ-17 ގައި މިހާތަނަށް އެއްފަހަރާ އެންމެ ގިނައިން މީހުން އުފުލި އަދަދެވެ. މިއީ އެމެރިކާއާއި އެގައުމުގެ އެކުވެރި ހަނގުރާމަވެރިން މުދާ އުފުލުމަށް ބޭނުން ކުރާތާ 30 އަހަރުވީ މަތިންދާ ބޯޓެކެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ މިއީ އެއްވެސް ހާލެއްގައި އެހާ ގިނަ މީހުން ގޮވައިގެން ދަތުރު ކުރުމަށް ޕްލޭން ކޮށްފައި އޮތް ދަތުރެއްވެސް ނޫނެވެ. ނަމަވެސް ޠާލިބާނުން ގައުމުގެ ކޮންޓްރޯލް ނެގުމާއި ގުޅިގެން ބިރުން ފިލާން ކެތްމަދުވެފައި ތިބި އެތައް ހާސް ރައްޔިތުން ހާސްވެ ގޮތް ހުސްވެގެން ބޯޓަށް އަރައިގަތީ ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

ކުރިން ފެތުރުނު ޚަބަރުތަކުން ބުނެފައި ވަނީ އެ ބޯޓުގައި 800 އަށްވުރެ ގިނަ މީހުން ދަތުރު ކުރާކަމަށެވެ. ނަމަވެސް ފަހުން އަސްކަރިއްޔާއިން ވަނީ ރަނގަޅު އަދަދަކީ 640 ކަމަށް ބުނެފައެވެ. ބޯޓު ފުރަން ތައްޔާރުވަމުން ދިޔައިރު ދެބައިކުޅަ އެއްބައި ހުޅުވިފައިވާ ރޭމްޕް ތެރޭގައި ވެސް މީހުން އަރާ ތޮއްޖެހިފައި ތިބި ކަމަށް އަސްކަރިއްޔާއިން ރިޕޯޓްކޮށްފައި ވެއެވެ.

ބޯޓަށް އަރައި ފުރިފައި އޮތް މީހުން ގަދަކަމުން ބޭލުމުގެ ބަދަލުގައި ބޯޓުގެ ކްރޫން ނިންމީ އެމީހުންނާއެކު ދަތުރު ކުރުމަށް ކަމަށް އަސްކަރިއްޔާއިން ބުނެފައި ވެއެވެ. ޠާލިބާނުން ކާބުލް ހިފުމާއެކު ބިރުން ގައުމު ދޫކޮށް ދިއުމަށްޓަކައި އެތައް ހާސް ބަޔަކު ވަނީ ހޯމަ ދުވަހުން ފެށިގެން ކާބުލްގެ ވައިގެ ބަނދަރަށް ވަދެ ފުރާލާފައެވެ.

އަސްކަރިއްޔާއިން އާންމުކޮށްފައިވާ ވިޑިއޯ އަކުން ފެންނަ ގޮތުގައި އެހެން އަސްކަރީ މަތިންދާ ބޯޓެއް ނައްޓާލަން ތައްޔާރުވުމާއެކު ބޯޓަށް އަރައިގަތް މީހުންގެ ތެރެއިން އެކަކު، ބޯޓު ނައްޓާލި ވަގުތު ބޯޓުން ވެއްޓޭ މަންޒަރު ވެސް ފެނެއެވެ. އަދި ތޮއްޖެހިފައި އޮތް މީހުން ބޯޓަށް އަރައިގަންނަން ދިމާ ކުރުމުން، މީހުން ކޮންޓްރޯލް ކުރުމަށް އެމެރިކާ ސިފައިން ވައިގެ ތެރެއަށް ބަޑިޖެހުމުން ފިތި ބާރުވެފައިވާ މީހުންގެ ތެރެއިން މަދުވެގެން ފަސް މީހަކު މަރުވި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ޠާލިބާން ޖަމާއަތުގެ ތަރުޖަމާން ސުހައިލް ޝަހީމް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެއްވެސް އާންމު ރައްޔިތަކަށް ގެއްލުމެއް ނުދޭން ހަނގުރާމަވެރި ޖަމާއަތްތަކަށް އޯޑަރު ކޮށްފައި ވާނެ ކަމަށެވެ.

"އާންމުންގެ ފުރާނައަށް، މުދަލަށް އިހުތިރާމް ކުރަން ޖެހޭނެ. އަދި އެއްވެސް މީހަކަށް ބިރުދައްކައި ގެއްލުން ދީގެން ނުވާނެ. ހަނގުރާމަވެރިން ޖެހޭނެ ރައްޔިތުންނާ މުދާ ހިމާޔަތް ކޮށްދޭން." ސުހައިލް ޝަހީމް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން