ވެރިކަމުން ފައްސައިލެވުނުތާ 20 އަހަރު ފަހުން ތާލިބާނުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ހިފައިފިއެވެ.

މިގޮތުން މިދިޔަ ދެހަފްތާއެއްހާ ދުވަހުގެތެރޭގައި ތާލިބާނު ހަނގުރާމަވެރިންނާއި އަފްޣާނިސްތާނުގެ ހަނގުރާމަވެރިންނާ ދެމެދު ހިންގާފައިވާ ހޫނު ކުރިމަތިލުންތަކުގައި ތާލިބާނުން މިހާރު ވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލަށް އަރައި، ކާބުލްގައި ހުންނަ އެ ޤައުމުގެ ރިޔާސީ އޮފީސް އެޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ރައީސް އޮފީސް ހިސޯރުކުރުމުގެ ކުރިން އަފްޣާނިސްތާނުގެ ރައީސް، އަޝްރަފް ޣަނީ ވަނީ ގައުމު ދޫކޮށް ވަޑައިގެންފައެވެ. އަފްޣާނިސްތާނުގެ ރައީސް، އަޝްރަފް ޣަނީ ގައުމު ދޫކޮށް ވަޑައިގަނެފައިވަނީ ޓަޖިކިސްތާނަށްކަމަށް އަފްޣާނިސްތާނުގެ އިންޓީރިއަރ މިނިސްޓްރީގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވެއެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ރައީސް ޣަނީއަށް ވަނީ އަމާޒުވެފައެވެ.

އަފްޣާނިސްތާނުގެ ރައީސް އޮފީސްތެރޭގައި ތާލިބާނުގެ އެންމެ އިސްވެރިޔާ ހަރަކާތްތެރިވާ މަންޒަރު އާންމު ކޮށްފައިވާއިރު، ތާލިބާނުގެ އެންމެ އިސްވެރިޔާ ވަށާލައި ހަތިޔާރާއެކު ތާލިބާނުގެ ހަނގުރާމަވެރިން ތިބޭ މަންޒަރު ފެނިގެންދެއެވެ.

ޠާލިބާނުންނަކީ 1990ގެ އަހަރުތަކުގައި، އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ބާރު ލިބުމުން އިސްލާމީ ޝަރީޢަތް ޤާއިމު ކުރުމުގެ މަގްސަދުގައި އުފެދުނު ޖަމާއަތެކެވެ. މިގޮތުން އޭރު އަފްޣާނިސްތާނުންވެސް ތާލިބާން ޖަމާޢަތް ބަލައިގަތެވެ. ނަމަވެސް އިސްލާމީ ޝަރީޢަތް ޤާއިމު ކުރުމުގެ ނަމުގައި ތާލިބާނުން ގެންގުޅެމުންދިޔަ ހަރުކަށި އުސޫލުތައް އަފްޣާނިސްތާނުގެ ސަރުކާރަށް ބަލައިނުގަނެވުނު ހިސާބުން ތާލިބާނުންނާއި އަފްޣާނިސްތާނުގެ ސަރުކާރާ ދެމެދު ހަމަނުޖެހުން ހިނގަން ފެށިއެވެ.

މިހަމަނުޖެހުންތަކުގެ ތެރޭގައި 1998 ވަނަ އަހަރާ ހިސާބަށް އައިއިރު ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނުގެ 90 އިންސައްތަ ސަރަޙައްދު ވަނީ ގެންގޮސްފައެވެ. އަދި އޭރު ތާލިބާން ޖަމާއަތާއި އަފްޣާނިސްތާނުގެ ސަރުކާރާ ދެމެދު ހިނގަމުންދިޔަ ހަމަނުޖެހުންތަކުގެ އިތުރުން، ތާލިބާނުންނާއި ޕާކިސްތާނާއި ދެމެދުވެސް ހަމަނުޖެހުންތައް އުފެދެން ފަށާފައިވެއެވެ. އެގޮތުން ޕާކިސްތާނުގެ މަލާލާ ޔޫސުފްޒާއީއަށް ދިން ހަމަލާއަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ހަމަލާއެކެވެ.

އެއަށްފަހު އަފްޣާނިސްތާނުގައި ހިންގަމުން އައި ތާލިބާނުންގެ ވެރިކަން ވައްޓާލެވުނީ 2001 ވަނަ އަހަރުއެވެ. އެމެރިކާގެ އެހީއާއެކު ވައްޓާލެވުނު މިވެރިކަމަށްފަހު އަފްޣާނިސްތާނުގައި ތާލިބާނުންގެ އަތް ގަދަކުރުމަށް ދޭތެރެ ދޭތެރެއިން ގެންދަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު އެމެރިކާއިން ވަނީ ތާލިބާނުންނާއެކު ސުލްޙައިގެ މަޝްވަރާތަކެއް ކޮށްފައެވެ. އަދި 2020 ވަނަ އަހަރު ދެފަރާތުން ވަނީ ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ. މިއެއްބަސްވުމުގައި ސޮއި ކުރިއިރު އެމެރިކާއިން ވަނީ އެ ޤައުމުގެ ސިފައިން އަފްޣާނިސްތާނުން ބާލާނެކަމަށް އެއްބަސްވެފައެވެ.

ނަމަވެސް އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން ބާލަން ފެށުމާއިއެކު ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ޙަމަލާ ދިނުމުގެ އިތުރުން، އެ ޤައުމުގެ އާންމުންނަށް ދެމުން ގެންދިޔަ އެކި ކަހަލަ ޙަމަލާތައް ވަރުގަދަކޮށްފައެވެ. މިގޮތުން މިހާރުމިވަނީ އަފްޣާނިސްތާނުގެ ވެރިކަން ތާލިބާނުންގެ އަތްދަށަށް އަނެއްކާވެސް ގެނަސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން