މާބަނޑު ހުރިހާ ކަނބަލުން އަވަހަށް ކޯވިޑް ވެކްސިން ފުރިހަމަކޮށް ރައްކާތެރިކަން ހޯދުމަށް އިނގިރޭސި ބޮޑުވަޒީރުގެ އަނބިކަނބަލުން ކެރީ ޖޯންސަން އެދިވަޑައިގެންފިއެވެ.

ދެވަނަ ދަރިފުޅަކަށް ބަލިވެއިންނެވި ކެރީ ޖޯންސަން މިކަމަށް އެދިވަޑައިގެންނެވީ ކޯވިޑްގެ ދެވަނަ ޑޯޒް ޖެއްސެވުމަށްފަހު ވެކްސިންގެ ރައްކާތެރިކަން މާބަނޑު މީހުންނަށް ކަށަވަރު ކޮށްދެއްވަމުންނެވެ.

އިނގިރޭސި ބޮޑުވަޒީރުގެ އަނބިކަނބަލުން، އުމުރުން 33 އަހަރުގެ ކެރީ ޖޯންސަން ކޯވިޑްގެ ދެވަނަ ޑޯޒް ޖެއްސެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެއަށްފަހު އޭނާގެ ހާލުކޮޅު ރަނގަޅު ކަމަށާއި ވެކްސިންގެ ސަބަބުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް ކެރީ ވަނީ ހާމަކުރަށްވާފައެވެ.

ކެރީ ވެކްސިން ފުރިހަމަ ކުރެއްވިކަން ހާމަކުރައްވަމުން ވިދާޅުވެފައިވަނީ އިނގިރޭސި ވިލާތާއި އެމެރިކާގައި ދެލައްކައެއްހާ މާބަނޑު މީހުން ފައިޒާ ނުވަތަ މޮޑަނާގެ ކޯވިޑް ވެކްސިން ފުރިހަމަކޮށް ކޯވިޑުން ރައްކާތެރިކަން ހޯދާފައިވާ ކަމަށެވެ. އަދި މިއީ ވެކްސިނަކީ ރައްކާތެރި އެއްޗެއްކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް ކެރީ ވިދާޅުވެފައި ވެއެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވަނިކޮށް ދެވަނަ ދަރިއަކު ލިބިވަޑައިގެންނެވި ހަމައެކަނި ބޮޑުވަޒީރެއްގެ ގޮތުގައި ރެކޯޑް ކުރެވިގެންދާ ބޮރިސް ޖޯންސަންގެ އަނބިކަނބަލުން އަންނަ ޑިސެންބަރު މަހުގެ ތެރޭގައި ރައްކައުވެވަޑައިގަންނަވާނެ ކަމަށް އެކަމަނާ ވަނީ ހާމަކުރަށްވާފައެވެ. ޖޯންސަން ކެރީއާއި ކައިވެނިބައްލަވައިގެންނަވީ މިއަހަރުގެ މެއި މަހު ވެސްޓްމިންސްޓާ ކެތެޑަރަލްގައި ސިއްރިއްޔާތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން