ހެއިޓީއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 304 އަށް އަރައިފި ކަމަށް ރަސްމީ ފަރާތްތަކުން ބުނެފިއެވެ.

7.2 މެގްނެޓިއުޓްގެ ބާރު މިނުގައި ހެއިޓީއަށް އައި މި ބިންހެލުމުގައި 1800 ވަރަކަށް މީހުން ޒަޚަމްވި ކަމަށް ވެސް ރަސްމީ ރިޕޯޓްތައް ބުނެއެވެ. މި ބިންހެލުމުގައި ބޮޑެތި އިމާރާތްތައް ބިމާ ހަމަވެ ކުންޏަށް ވެގެން ގޮސްފައިވާއިރު ގިނަ ބައަކު ވަނީ އެމީހުންގެ ގެތަކުން ނުކުމެ ރައްކާތެރިކަން ހޯދާފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ވަނީ ހެއިޓީއަށް މިއައި ބިންހެލުމަކީ އެންމެ ނުރައްކާތެރި ބިންހެލުމެއްގެ ގޮތުގައި ބަލައި ރަތް އިންޒާރު ނެރެފައެވެ. މިއާއެކު ހެއިޓީގައި ވަނީ މަސްދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައެވެ.

ހެއިޓީގެ ބޮޑުވަޒީރު އޭރިއަލް ހެންރީ ވަނީ މި ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަކުރަށްވާފައެވެ. މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހެއިޓީގެ ދެކުނުގެ ސަރަހައްދުތަކަށް ކަމަށާއި އަދި މި ބިންހެލުމުގެ ސަބަބުން ބައެއް އަވަށްތައް ދޮވެވިފައިވާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ.

ސަރުކާރުން ވަނީ މި ހާދިސާގައި ސުންނާފަތިވެފައިވާ އަވަށްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ. އަދި މިހާދިސާގައި އަނިޔާވެގެން ގިނަ ބައަކު ހޮސްޕިޓާތަކުން ފަރުވާ ހޯދަމުން ގެންދާ ކަމަށާއި އެމީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓާތައް ތައްޔާރީ ހާލަތަށް ގެނެވިފައިވާ ކަމަށް ވެސް ބޮޑު ވަޒީރު ހެންރީ ވިދާޅުވެފައި ވެއެވެ.

"އަހަރެމެންނަށް މައުލޫމާތު ލިބެމުންދާ ގޮތުގައި ހާދިސާގައި އަނިޔާ ލިބިފައިވާ މީހުން ފަރުވާ ހޯދަމުން ގެންދާ ބައެއް އަމިއްލަ ހޮސްޕިޓާތައް މިހާރުވަނީ ވަރަށް ބޮޑަށް ފުރި ޚިދުމަތްދޭން ދަތިވެފައި." ބޮޑުވަޒީރު ވިދާޅުވިއެވެ.

ހުސްވި ޖުލައި މަހު ހެއިޓީގެ ރައީސް ޖޮވެނަލް މޮއިސް، ގެކޮޅުގައި ހުންނަވަނިކޮށް ހަތިޔާރުއެޅި ބަޔަކު ހަމަލާދީ ރައީސް އަވަހާރަކޮށްލިފަހުން ގައުމުގައި ވަނީ ސިޔާސީ ހަމަނުޖެހުންތަކެއް އުފެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން