ކޯވިޑާއި ގުޅިގެން ބައިނަލްއަގުވާމީ ދަތުރުތަކަށް ހުރަސްއެޅޭގޮތަށް ތައްޔާރުކުރެވިފައިވާ އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކުގެތެރެއިން ޕާކިސްތާނު އެލިސްޓުން އުނިކޮށްދިނުމަށް އެދިއްޖެއެވެ.

މިރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކުން ދަތުރުކުރާފަރާތްތަކަށް އިނގިރޭސިވިލާތައް އެތެރެވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. މީގެތެރޭގައި، އަގުބޮޑު 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހުމާއި އިނގިރޭސިވިލާތަށް އެތެރެވުމުގެ ކުރިން ހަދަން ޖެހޭ ކޯވިޑް ޓެސްޓުތައް ހިމެނެއެވެ.

އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ޕާކިސްތާނު އުނިކޮށްދިނުމަށް އެދެވަޑައިގަނެފައިވަނީ ޕާކިސްތާނުން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނާ މޮއައްޒަމް އަހުމަދު ޚާން އެވެ. އަދި ރެޑް ލިސްޓުން ޕާކިސްތާނު އުނިކޮށްދިނުމަށް އެދެވަޑައިގަނެފައިވަނީ މިރެޑް ލިސްޓު މިފަހަކުން މުރާޖާ ކުރިއިރުވެސް ޕާކިސްތާނު ރެޑް ލިސްޓުން އުނި ނުކުރާތީ ކަމަށް ހައިކޮމިޝަނާ މޮއައްޒަމް އަހުމަދު ޚާން ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ރެޑް ލިސްޓު މިފަހަކުން މުރާޖާ ކުރުމަށްފަހު، އިންޑިއާ، ބަހްރައިން، ޤަތަރު، ޔޫއޭއީ އަދި ފްރާންސް ވަނީ މިލިސްޓުން އުނިކޮށް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ލުއިތަކެއް ދީފައެވެ.

"ޕާކިސްތާނުގެ ކޮވިޑް ހާލަތު އިންޑިއާއަށްވުރެ ރަނގަޅު. އަދި ޕާކިސްތާނުން ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރަމުން އައި މަސައްކަތްވެސް ބައިނަލްއަގުވާމީ ފެންވަރެއްގައި ބަލައިގަނެފައިވޭ." ހައިކޮމިޝަނާ މޮއައްޒަމް އަހުމަދު ޚާން ވިދާޅުވިއެވެ.

ޕާކިސްތާނުގެ މި އެދުމަށް ޖަވާބުދީ އިނގިރޭސިވިލާތުގެ ސަރުކާރުން އިނގިރޭސިވިލާތުގެ ރެޑް ލިސްޓު އިތުރަށް މުރާޖާކޮށް، ޕާކިސްތާނު މިލިސްޓުން އުނި ކުރުމާމެދު މަޝްވަރާކުރާނެކަން ހާމަކޮށްފައިވާކަން ޕާކިސްތާނުން ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން