އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ، މޮރިޝަސްގެ ރަށެއްގައި އިންޑިއާ ސަރުކާރުން ސިއްރުން ހިންގާ އަސްކަރީ މަސައްކަތްތަކެއް މަޝްހޫރު އަލްޖަޒީރާ ޓީވީން ފަޅާ އަރުވާލައިފިއެވެ.

މޮރިޝަސްގެ އަގަލޭގައި އިންޑިއާ ސަރުކާރުން ސިއްރިޔާތުގައި ގާއިމްކުރަމުންދާ އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތާއި ފޮޓޯ ހިމަނައިގެން އަލްޖަޒީރާއިން އިއްޔެ ވަނީ "އައިލެންޑް އޮފް ސީކްރެޓްސް"ގެ ނަމުގައި ޑޮކިއުމެންޓްރީއެއް އާއްމުކޮށްފައެވެ. މިއީ ރާއްޖެއާ ގުޅޭގޮތުން "ސްޓީލިންގ ޕެރެޑައިސް"ގެ ނަމުގައި ޑޮކިއުމެންޓްރީ އުފެއްދި ޓީމުން ތައްޔާރުކުރި ޑޮކިއުމެންޓްރީއެކެވެ.

އަލްޖަޒީރާގެ ޑޮކިއުމެންޓްރީން ބުނާގޮތުން މޮރިޝަސްގެ ރަށްތަކާއި ވަކިން އޮންނަ، މޮރިޝަސްގެ ރަށެއްކަމަށްވާ އަގަލޭގައި އިންޑިއާ ސަރުކާރުން ދަނީ އަސްކަރީ މަރުކަޒުތަކާއި، ރަންވޭއާއި، މީހުން ތިބެވޭ ބެރެކްސްތައް ހަދަމުންނެވެ.

އިންޑިއާއިން މިކަން ދޮގުކުރިނަމަވެސް، އެކި ފަހަރު މަތިން ނަގާފައިވާ ސެޓްލައިޓް ފޮޓޯތަކާއި، މާލީ މުއާމަލާތްތަކާއި، އަދި އެހެނިހެން ހެކިތަކުގެ މައްޗަށް ބިނާކޮށް ތަޖުރިބާކާރުން ބުނާގޮތުން އިންޑިއާއިން ދަނީ ވަރުގަދަ އަސްކަރީ މަރުކަޒެއް އެރަށުގައި ގާއިމްކުރަމުންނެވެ.



އިންޑިއާ ސަރުކާރުން މިކަން ސިއްރުން ކުރިނަމަވެސް، 2016 ވަނަ އަހަރުގެ އިންްޑިއާގެ މިލިޓަރީ ބަޖެޓުގައި މޮރިޝަސްއާ ގުޅިގެން އަގަލޭގައި ސާރވޭއެއް ހެދުމަށް 4.4 މިލިއަން ޑޮލަރުގެ ބަޖެޓެއް ހަމަޖެއްސިކަން ހާމަވެއެވެ. އޭގެކުރިން 2015 ވަނަ އަހަރު ދެ ގައުމުން ވަނީ މާގިނަ ބަޔަކު ނޫޅޭ އަގަލޭގާއަށް ތަރަައްގީ ގެނައުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އަދި މިއީ އެރަށުގައި އުޅޭ ރައްޔިތުންގެ ތަރަައްގީއަށް ކޮށްދޭ ކަމެއްކަމަށްވެސް އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވިއެވެ.

މާބޮޑު ތަރައްގީއެއް ލިބިފައިނުވާ 300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އެރަށުގައި ކޮންސްޓްރަކްޝަން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެރަށުގެ އާބާދީއަށްވުރެ، އެރަށުގައި ތިބި އިންޑިއާ މީހުން ގިނަކަމަށް އަލްޖަޒީރާއިން ބުނެއެވެ. އަދި މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް މޮރިޝަސްގެ މީހުންގެ ބާރެއް ނުހިނގާކަމަށާއި، އެމީހުންނަށް އަމުރުމައުރޫފް ހިންގަން ތިބެނީ އިންޑިއާ މީހުންކަމަށްވެސް ޑޮކިއުމެންޓްރީގައި ބުނެއެވެ.

މިހުރިހާ ކަމެއް އެރަށުގައި ހިންގަމުންދާއިރު، އެރަށުގެ މީހުން ތިބީ ވަރަށް ކަންބޮޑުވެ، ބިރުގަނެފައިކަމަށްވެސް ބުނެއެވެ. އެއީ ކައިރީގައި އޮތް ޑިއެގޯ ގާސިއާގެ ރައްޔިތުން އެރަށުން ބޭރުކޮށް އަސްކަރީ މަރުކަޒެއް ގާއިމްކުރި ގޮތަށް،. އަގަލޭގައިވެސް ކަންކަން ކޮށްފާނެތީކަމަށް އެރަށުގައި އުޅޭ ރައްޔިތުން ބުނެއެވެ.

އަގަލޭގައި އަސްކަރީ މަރުކަޒުތަކެއް ގާއިމްކުރަމުންދާކަން ހެއްކާއެކު ޔަގީންކޮށްދިން ނަމަވެސް، އިންޑިއާ އަދި މޮރިޝަސްއިންވެސް ދަނީ ތަކުރާރުކޮށް މިކަން ދޮގުކުރަމުންނެވެ. އަދި އެފަދަ އެއްވެސް ކަމެއް ނުކުރާނެކަމަށާއި، އެރަށުގެ ރައްޔިތުން އެތަނުން ނުބާލާނެކަމަށްވެސް މޮރިޝަސް ސަރުކާރުންވެސް ދަނީ ބުނަމުންނެވެ.

ތަޖުރިބާކާރުން ބުނާގޮތުން މިއީ އިންޑިޔާގެ ކަނޑުގައި، ޗައިނާގެ ބާރުގަދަވިޔަ ނުދޭން އިންޑިއާއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އަދި މިމަސައްކަތުގެ ތެރެއިން ރާއްޖޭގައިވެސް މިލިޓަރީ ހަރަކާތްތައް ހިންގަމުންދާކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. މީގެއިތުރުން ރާއްޖޭގައިވެސް މިފަދަ އަސްކަރީ މަރުކަޒުތައް ގާއިމްކުރުމާއި ގުޅޭ މަޝްވަރާތައް ކޮށްފައިވާކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި މިހާރުވެސް ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ހަރަކާތްތެރިވަމުންދާކަން ވަނީ ހާމަވެފައެވެ.

އަލްޖަޒީރާއިން އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މޮރިޝަސްގެ ރަށެއް ކަމަށްވާ އަގަލެގާގައި އިންޑިއާއިން ސިއްރު ގާއިމްކުރާ އަސްކަރީ ބޭސް އެޅުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. އެފްކޮންސްއަކީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު ހިންގަމުން އަންނަ ކުންފުނީގެ އިތުރުން މާލެއާއި ތިލަފުށި ގުޅަލާ ބްރިޖު ހެދުމުގެ މަޝްރޫއުވެސް އެވޯޑުކުރަން ހަމަޖެހިފައިވާ ކުންފުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން