ސްރީލަންކާގެ ސްކޫލްތަކުގެ ދަރިވަރުންނަށް ފައިޒަރގެ ކޮވިޑް ވެކްސިން ދިނުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސްކޫލް ދަރިވަރުންގެ ތެރެއިން އުމުރުން 12 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ސަރުކާރުން ވެކްސިން ޖަހައިދިނުމަށް ނިންމާފައިވާކަމަށް ސްޓޭޓް މިނިސްޓަރ ޕްރޮފެސަރ ޗަންނަ ޖަޔަސުމާނާ ވިދާޅުވެފައިވެއެވެ.

ސްރީލަންކާ ސަރުކާރުން މިފަދަ ނިންމުމެއް ނިންމަވާފައިވަނީ، ސްކޫލް ދަރިވަރުންނަށް ވެކްސިންދިނުމަށް ސްރީލަންކާގެ ތައުލީމާ ބެހޭ ވުޒާރާގެ ހާއްސަ ކޮމިޓީއަކުން ލަފާ ދިނުމާއިއެކުއެވެ. މިކޮމިޓީން ވަނީ ސްކޫލް ދަރިވަރުންގެ ތެރެއިން އުމުރުން 12 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ފައިޒަރ ކުންފުނި އަދި މޮޑަރނާ ކުންފުނީގެ ކޮވިޑް ވެކްސިން ދިނުމަށް ސަރުކާރަށް ލަފާ ދީފައެވެ.

ސްރީލަންކާގައި ކޮވިޑް ވެކްސިން ދެމުންދަނީ އެކި އުމުރުފުރާއަށް ބަހާލައިގެންނެވެ. މިގޮތުން މިހާރު ކުރިއަށްދަނީ 30 އަހަރުން މަތީގެ އުމުރުފުރާގެ މީހުންނަށް ކޮވިޑް ވެކްސިން ދިނުމެވެ. ސްރީލަންކާގެ ސަރުކާރުން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ސްރީލަންކާގައި ދިރިއުޅޭ 30 އަހަރުން މަތީގެ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ކޮވިޑް ވެކްސިން ދީނިންމާލެވޭނެކަމަށް ހާމަކޮށްފައެވެ.

ސްރީލަންކާގައި ދިރިއުޅޭ 30 އަހަރުން މަތީގެ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ކޮވިޑް ވެކްސިން ދީނިންމާލުމަށްފަހު، 30 އަހަރުން ދަށުގެ އުމުރުފުރާތަކުގެ މީހުންނާއި ސްކޫލް ދަރިވަރުންނަށް ވެކްސިން ދިނުމަށް ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަނީ އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން