ޑެލްޓަރ ވޭރިއަންޓުން ރައްކާތެރިވުމަށް ޖަރުމަނުގައި ކޮވިޑް ވެކްސިނުގެ ބޫސްޓަރ ޝޮޓެއް ނުވަތަ، ވެކްސިނުގެ ތިންވަނަ ޑޯޒެއް ދިނުމަށް ނިންމައިފިއެވެ.

މިގޮތުން ބޫސްޓަރ ޝޮޓް ދިނުމަށް އިސްކަމެއް ދޭނީ ފުރަތަމަ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ޖަރުމަނުގެ ހެލްތު މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިއާއިއެކު، މޮބައިލް ވެކްސިން ޓީމުތަކުން، ދުވަސްވީ މީހުން ބަލަހައްޓާ ނަރސިންގް ހޯމް ތަކަށްގޮސް، ފައިޒަރ އަދި މޮޑަރނާ ކުންފުނީގެ ވެކްސިނުން ތިންވަނަ ޑޯޒެއް ޖެހުމަށް ހަމަޖެހިފައިވާކަމަށް އެގައުމުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. ފައިޒަރ އަދި މޮޑަރނާ ކުންފުނި ނޫން އެހެން ކުންފުންޏެއްގެ ވެކްސިނަކުން ފުރަތަމަ އަދި ދެވަނަ ޑޯޒު ފުރިހަމަކޮށްފައިވިނަމަވެސް ކޮވިޑް ވެކްސިނުގެ ތިންވަނަ ޑޯޒެއް ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒަރ އަދި މޮޑަރނާ ކުންފުނީގެ ކޮވިޑް ވެކްސިނުންކަމަށްވެސް ޖަރުމަނުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ޖަރުމަނުގެ ދުވަސްވީ މީހުންގެ އިތުރުން، ދިފާއީ ނިޒާމު ބަލިކަށިވެފައިވާ ކަމަށް ޑޮކްޓަރުން ކަނޑައަޅާ މީހުންނަށާއި، އެސްޓްރަޒެނެކާ އަދި ޖޮންސަންގެ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންވެސް ފައިޒަރ އަދި މޮޑަރނާ ކުންފުނީގެ ވެކްސިނުން ތިންވަނަ ޑޯޒެއް ޖެހުމަށް އެދެވޭނެކަމަށްވެއެވެ.

އެސްޓްރަޒެނެކާ އަދި ޖޮންސަންގެ ކޮވިޑް ވެކްސިން ޖެހި މީހުންނަށް ފައިޒަރ އަދި މޮޑަރނާ ކުންފުނީގެ ވެކްސިނުން ތިންވަނަ ޑޯޒެއް ޖެހުމަށް ހަމަޖެހިފައިވަނީ، އެސްޓްރަޒެނެކާ އަދި ޖޮންސަންގެ ކޮވިޑް ވެކްސިނަކީ ވައިރަލް ވެކްޓަރ ވެކްސިމް ކަމަށްވާތީއެވެ. މީގެއިތުރުން ފައިޒަރ އަދި މޮޑަރނާ ކުންފުނީގެ ކޮވިޑް ވެކްސިނަކީ އެމްއާރްއެންއޭ ވެކްސިނަކަށްވެފައި، އެސްޓްރަޒެނެކާ އަދި ޖޮންސަންގެ ކޮވިޑް ވެކްސިނަށްވުރެ ބަލިން ރައްކާތެރިކޮށްދޭ މިންވަރު އިތުރު ވެކްސިނެއްކަމަށް ދިރާސާތަކުން ދައްކާފައިވެއެވެ.

ޖަރުމަނުގައި ބޫސްޓަރ ޝޮޓް ދޭން ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށްއޮތް ސެޕްޓެމްބަރުމަހުއެވެ. ޖަރުމަނުގެ އިތުރުން އިނގިރޭސިވިލާތުގައިވެސް ކޮވިޑް ވެކްސިނުގެ ބޫސްޓަރ ޝޮޓް ދިނުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. އަދި އިޒްރާއީލުން ވަނީ މިހާރު އެގައުމުގެ ދުވަސްވީ މީހުންނަށް ބޫސްޓަރ ޝޮޓް ދޭން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން