އާއްމުކޮށް ލަކީ ޑްރޯތަކުން އިނާމު ލިބޭއިރު ގިނަ ބަޔަކަށް އެކަން އޮންނަނީ ނޭނގިއެވެ. މަދު ފަހަރަކު ނޫނީ ލަކީ ޑްރޯއެއްގެ ގުރު ނަގާއިރު، އެކަމަށް ބަލަބަލައެއް ނުތިބެއެވެ. ގިނަ ފަހަރު އެ މައުލޫމާތު ލިބެނީ ކޮންމެވެސް މީހެއްގެ ފަރާތުންނެވެ. ނޫނީ އެމީހަކަށް އަންނަ ފޯނު ކޯލަކުންނެވެ.

ލޮޓަރީ ޓިކެޓަކީވެސް ފާޑެއްގެ ލަކީ ޑްރޯއެކެވެ. ވަރަށް ގިނަ ޤައުމުތަކުގައި މިކަން ކޮށްއުޅެއެވެ. ކުޑަ އަގެއް ދީފައި ގަންނަ ޓިކެޓަކުން އެތައް މިލިއަން ޑޮލަރެއް ލިބޭ ލޮޓަރީތައްވެސް ހުރެއެވެ.

ޖަރުމަންވިލާުތުގެ އުމުރުން 45 އަހަރުގެ އަންހެނަކަށް މިފަހުން ވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. 1.20 ޔޫރޯއަށް އޭނާ ގަތް ލޮޓަރީ ޓިކެޓުން އޭނާއަށް އިނާމު ލިބުނުކަން އޭނާއަށް އޮތީ ނޭނގިއެވެ. އޭނާ ގަތް ލޮޓަރީ ޓިކެޓުން އޭނާއަށް 39 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ލިބުނެވެ. ނަމަވެސް އެ އަންހެން މީހާއަށް އެކަން ރޭކާލީ އެތައް ހަފްތާތަކެއް ވީފަހުންނެވެ. އެހުރިހާ ދުވަހެއްވީއިރުވެސް އެ ޓިކެޓް ނުވަތަ ކޫޕަންކޮޅު އޮތީ އަންހެން މީހާގެ އަތްދަބަހުގައެވެ. އޮޅިގެން އެއްލާލެވުނަސް، އެ ގެއްލުނީ 39 މިލިއަން ޑޮލަރެވެ.

ނަން ހާމަކޮށްފައިނުވާ އަންހެން މީހާ ބުނިގޮތުގައި 39 މިލިއަން ޑޮލަރުގެ ކޫޕަންކޮޅެއް އަތްދަބަހަށް ލައިގެން އެހާ ދުވަހު އުޅުނުއިރުވެސް އެކަން ނޭނގޭކަމަށާއި، އެކަން ހިތައް ގެނައުމުންވެސް ބޯ އަނބުރާކަމަށެވެ. އަދި އިތުރަށް މިފަދަ ލޮޓަރީއެއްގައި ބައިވެރިވާން ބޭނުންނުވާކަމަށާއި، މިވަރުން އޭނާއަށް ފުދިއްޖެކަމަށްވެސް އަންހެން މީހާ ބުންޏެވެ. އަދި ކުރިއަށްއޮތްތަނުގައި ބޭނުންވަނީ ސިއްހީގޮތުން ދުޅަހެޔޮ ދިރިއުޅުމެއް އުޅެންކަމަށްވެސް މީހަކާއި އިނދެގެން އަންހެން ދަރިއަކު ހުންނަ އެމީހާ ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން