ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 298 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މި ކުއާޓަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 496 މިލިއަން ރުފިޔާ އެވެ. އަދި ކުންފުނީގެ ދަރަންޏަށާއި ޓެކުހަށް ކެނޑުމަށްފަހު ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި މި ކުއާޓަރުގައި ލިބިފައިވަނީ 298 މިލިއަން ރުފިޔާއެވެ. މިއީ 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ އާ އަޅާބަލާއިރު 38 އިންސައްތަ އިތުރު އަދަދެކެވެ.

ބީއެމްއެލްއަށް މި ކުއާޓަރުގައި ޖުމުލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 785 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ ކުއާޓަރުގައި ލިބުނު އާމްދަނީއަށް ވުރެ ދަށް އަދަދެކެވެ. މިދިޔަ ކުއާޓަރުގައި އެކުންފުންޏަށް 819 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

މި ކުއާޓަރގައި ބޭންކުންވަނީ ފައިނޭންސިންގ ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކަށް ހެޔޮ ބަދަކުތަކެއް ގެނެސްފައެވެ. އަދި މީގެ އިތުރުން ބޭންކުންވަނީ ސަރުކާރުން ތައާރަފްކޮށްފައިވާ އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖް ގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ކޮވިޑް-19 ގެ ސަބަބުން މާލީ ގޮތުން ނޭދެވޭ އަސަރުކޮށްފައިވާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނު ތައާރަފްކޮށްފައެވެ.

މި ނަތީޖާ އާ ގުޅޭ ގޮތުން ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު ހޯދުނު ނަތީޖާ އާ މެދު ވަރަށް ހިތްހަމަ ޖެހޭކަމަށާއި، ވިޔަފާރިއަށް ކުރިއެރުން ލިބެމުންދާކަމީ ލިބޭ އުފަލެއްކަމުގައިވިޔަސް ކުރިއަށް އޮތްތާނގައިވެސް މަސައްކަތްކުރަމުންދާނީ ސަމާލުވެތިބެ ކަމަށެވެ.

"އަދިވެސް އެކި ގޮންޖެހުންތަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭނެ. މި ދަތިތަކާއެކުވެސް މިކަމުން އަރައިގަނެ ދެމެހެއްޓެނެވި ކުރިއެރުމެއް ".ހޯދުމަށް މަސައްކަތްކުރުމުގެ ހިތްވަރާއި ގާބިލުކަން މި ޓީމްގައި އެބަހުރި" މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.

ބީއެމްއެލް ގެ ވިއުގަ ފުޅާކުރުމަށާއި މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ވަނީ 5 ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ގާއިމްކޮށްފައެވެ. މި ރަށްތަކަކީ ހދ. މަކުނުދޫ، ށ. މާއުނގޫދޫ، ށ. ކޮމަންޑޫ، ކ. ހިންމަފުށި އަދި ކ. ދިއްފުށްޓެވެ. މީގެ އިތުރުން ބޭންކުން ވަނީ 12 ރަށެއްގައި އެޖެންޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް ލިބޭނެ މަގުފަހިކޮށް މި ހިދުމަތް ފުޅާކޮށްފައެވެ. މިއާއެކު މިހާރު ބީއެމްއެލް އިން އަންނަނީ 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތާއި 60 އަށް ވުރެ ގިނަ އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތް އެއްވެސް ފީއަކާ ނުލައި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ޕްރޮގްރާމްގެ ދަށުން މި ކުއާޓަރގައި ބޭންކުންވަނީ އިތުރު 5 ޕްރޮޖެކްޓް ހޮވާފައެވެ. މި ޕްރޮގްރާމް ހިންގަމުންދާތާ ވަނީ 3 އަހަރު ވޭތުވެފައެވެ. އަދި މި ފަންޑުގެ ދަށުން މިހާތަނަށް 50 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މުޖުތަމައަށް އެހީތެރިވުމަށް ކުރާ މަސައްކަތުގެ ދަށުން 150 ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ވަނީ އެއްލައްކަ ރުފިޔާ އެޑްވޮކޭޓިންގ ދި ރައިޓްސް އޮފް ޗިލްޑްރަން އަށް ހަދިޔާކޮށްފައެވެ. އަދި މަކަރާ ހީލަތުން ފައިސާ ހޯދުމަށް ކުރާ މަސައްކަތްތަކާމެދު ކަސްޓަމަރުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް 'ސަމާލުވޭ' ކެމްޕެއިންވެސް ވަނީ ހިންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން