އަންނަ ހަފްތާއިންފެށިގެން އެމެރިކާ އަދި ޔޫރަޕުގެ ގައުމުތަކުން އިނގިރޭސިވިލާތައް ދަތުރުކުރާ ފަރާތްތަކުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ ކަރަންޓީނު ވާކަށް ނުޖެހޭނެކަމަށް އިނގިރޭސިވިލާތުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފިއެވެ.

މިފަދަ ގަވާއިދެއް އެކުލަވާލައިފައިވަނީ، ކޮވިޑު ކޭސްތައް ގިނަވެ އިނގިރޭސިވިލާތުން ދަތުރުފަތުރު ކުރުން ހުއްޓާލާފައި އޮތުމަށްފަހު، އަލުން އެގައުމުގެ ބޯޑަރުތައް ހުޅުވުން ލަސްވުމުން އެތައް ފާޑުކިޔުމެއް އަމާޒުވެފައި އޮތް ވަގުތެއްގައެވެ.

ހާއްސަގޮތެއްގައި ޔޫރަޕުގެ ގިނަ ގައުމުތަކުންވެސް ވެކްސިން ފުރިހަމަކުރާ ފަތުރުވެރިންނަށް ދަތުރުކުރުމަށް ލުއިތަކެއް ދީފައި އޮތުމާއިއެކު، ދަތުރުފަތުރު ކުރުމަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ލިބޭ ފުރުސަތު ހަނިވެގެން ގޮސްފައިވާކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.

ކޮވިޑާއެކު ދަތުރުފަތުރު ކުރުމަށް އެޅުނު ހުރަހުން އިނގިރޭސިވިލާތުގެ މައި އެއަރލައިން، ބްރިޓިޝް އެއަރވޭސް، އަދި އިނގިރޭސިވިލާތުގެ އެންމެ ބޮޑު އިންޓަރނޭޝަނަލް އެއަރޕޯޓް، ހީތުރޯ އެއަރޕޯޓަށް ލިބުނު ގެއްލުމުގެ ޖުމްލަ އަދަދު ހަތަރު ބިލިއަނަށްވުރެ މައްޗަށް އަރާނެކަމަށް ކަމާބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ.

ދަތުރުފަތުރު ކުރުމަށް އެޅުނު ހުރަހަށް ލުއި ދިނުމަށް ހެދި އާގަވާއިދަށް އޮގަސްޓް މަހުގެ ދެވަނަ ދުވަހުން ފަށައިގެން އަމަލު ކުރެވޭނެ ކަމަށް އިނގިރޭސިވިލާތުގެ ޓްރާންސްޕޯޓް ސެކްރެޓަރީ ވިދާޅުވެފައިވެއެވެ. ނަމަވެސް މިލުއިގެ ތެރެއިންވެސް ވެކްސިން ފުރިހަމަކޮށް ދަތުރުކުރާ ފަރާތްތަކުން އަމިއްލަ ގައުމުން ފުރުމުގެ ކުރިންނާއި އިނގިރޭސިވިލާތައް އެތެރެވުމަށްފަހު ކޮވިޑް ޓެސްޓެއް ހަދައި ނެގަޓިވް ނަތީޖާއެއް ދައްކަން ޖެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން